އޮޑިޓަރު ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް އަލުން ނަން ފޮނުވަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ހއ. ކެލާ، މުރަކަ، އަބްދުﷲ ޖަމީލެވެ.

ސަން އަށް އެނގި ފައިވާ ގޮތުގައި އެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ވަކީލުންތަކެކެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޮޑިޓާ ޖެނެރަލްގެ ދައުރަކީ ހަތް އަހަރު ދުވަސްކަމާއި އެ މީހަކު އެ މަގާމުން ވަކިކުރެވޭނެ ގޮތް އޮޑިޓް ގާނޫނުގައި ބުނެފައިވާ މާއްދާ އަށް ސަރުކާރުން ހުށަހެޅި އިސްލާހާ ގުޅިގެންނެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒެއިނާ އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަަލަ އެހެން ފަރާތަކުން ކޯޓަށް ހުށަހަޅައިފި ނަމަ ދެން ޕާޓީން އަމަލު ކުރޭނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމާ ގޮތެއްގެ މަތީން ކަމަށެވެ.

"އަޅުގަނޑުމެން އެ މައްސަލަ ހުށަހަޅަން ނިންމާފައި ވަނީ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އެ މައްސަލަ ކޯޓަށް ހުށަހަޅަން ފާސްކޮށްފި ނަމަ. އެހެން ނަމަވެސް އެހެން ފަރާތަކުން މައްސަލަ ހުށަހަޅައިފި ނަމަ އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވާނީތޯ ނުވަތަ ދެން ހަދާނެ ގޮތެއް ނިންމާނީ ވެސް ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން،" ރޮޒެއިނާ ވިދާޅުވި އެވެ.

އޮޑިޓް ގާނޫނަށް އިސްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި ބުނެފައި ވަނީ އެ ބިލް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އާ އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.

އޮޑިޓް ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އޮޑިޓާ ޖެނެރަލްގެ މަގާމަށް ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި މީހަކު އައްޔަން ކުރުމަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ވަނީ ހުޅުވައިލައިފަ އެވެ.