ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައި ސިޔާސީ ޕާޓީ "މޯލްޑިވްސް ރިފޯމް މޫވްމަންޓް"ގެ 600 އަށް ވުރެ ގިނަ ފޯމުގައި މައްސަލަ ޖެހިގެން ޕާޓީ އުފެއްދުމަށް އެދުނު ފަރާތަށް އިލެކްޝަންސް ކޮމިޝަނުން އެ އެކަން އަންގާފައިވާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ މައުލޫމާތު ސައްހަ ނުވެގެންނާއި ކޮމިޝަނުން ބަލާ ކްރައިޓީރިއާ އަށް ނުފެތޭތީ 633 ފޯމުގައި މައްސަލަ އުޅޭކަން ރިފޯމް މޫވްމަންޓް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފަރާތަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ފޯމުތަކުގައި މައްސަލަ ޖެހުމުން ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި ހަމަނުވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

"މައުލޫމާތު ސައްހަ ނުވެގެންނާއި އަޅުގަނޑުމެން ބަލާ ކްރައިޓީރިއާ އަށް ނުފެތޭތީ 633 ފޯމްގައި މައްސަލަ އުޅޭކަން ވާނީ އަންގާފައި. އަޅުގަނޑުމެން ބަލައިގެން ފޯމުތަކުގެ ލިސްޓަކާއި މައްސަލަ ޖެހުނު ލިސްޓު ވެސް އެ ފަރާތަށް ވާނީ ފޮނުވާފައި. އެ ފޯމުތަކުގައި މައްސަލަ ޖެހުމުން ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއެއް ހަމައެއް ނުވޭ،" ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޑރ. މުނައްވަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހެޅުއްވުމަށް ފަހު ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ ޑރ. މުނައްވަރު ވިދާޅުވެފައި ވަނީ ސުވާލެއް އުފެދޭވަރުގެ އެއްވެސް ފޯމެއް ނޯންނާނެ ކަމަށާއި ފޯމުތައް ފުރާފައި ވާނީ ހުރިހާ ބައެއް ވެސް ފުރިހަމަކޮށްގެން ކަމަށެވެ.