04 Nov 2014, 16:23
ހއ. ހޯރަފުށިން: އަހުމަދު ސާއިލް އަލީ
ހއ. ހޯރަފުށީގައި ނަރުދަމާ އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިފްތިތާހު ކޮށްދެއްވައިފި އެވެ.
ދާދި ދެންމެ އަކު ރައީސުލްޖުމްހޫރިއްޔާ މި ރަށުގެ ނަރުދަމާގެ މަސައްކަތް އިފްތިތާހު ކޮށްދެއްވައި ހޮޅި ވަޅުލުމަށް ވަނީ ފަސްއަޅުއްވައިފަ އެވެ. އެ މަސައްކަތުގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހޯރަފުށީގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީއާ އެވެ. އަދި އެ ކުންފުނިން ސަބް ކޮންޓެކްޓަރެއްގެ ގޮތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް ކޮންސްޓުރަކްޝަން އާ އެވެ.
ދިވެހި ދައުލަތުން 60 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރާތާ 15 ވަރަކަށް ދުވަސް ވެފައިވީ ނަމަވެސް ރަސްމީކޮށް މަަސައްކަތް ފައްޓަވާފައި ވަނީ މިއަދު އެވެ.
މިރަށުގައި ގާއިމު ކުރާ ނަރުދަމާގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާ އިރު އެ މަސައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން ބުނެ އެވެ.
އެމްޑަބްލިޔުއެސްސީގެ އޮފިިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގެ 400 ވަރަކަށް ގޭގައި ނަރުދަމާ އެޅުމަށް ނިންމާފައިވެ އެވެ. އެއީ މިރަށުގެ ހުރިހާ ގެއެއް ކަވަރުވާ ގޮތަށް ކަމަށާއި މިރަށުގައި އަޅާ ނަރުދަމާއަކީ 15.7 ކިލޯ މީޓަރުގެ ނެޓުވޯކެއް ކަމަށް ވިދާޅުވި އެވެ. އަދި މިނަރުދަމާއާ އެކު ހަތަރު ޕަންޕް ސްޓޭޝަން މި ރަށުގައި ގާއިމް ވެގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.