އެމެރިކާއާ ދެކޮޅަށް 2001 ވަނަ އަހަރު އޮސާމާ ބިން ލާދިން ދިން އުދުވާނީ ހަމަލާގައި ބިމާހަމަވި ވޯލްޑް ޓްރޭޑް ސެންޓަރު އަލުން އިމާރާތްކޮށް އެ އިމާރާތުގައި މަސައްކަތްފަށައިފި އެވެ.

އަލުން އިމާރާތްކުރި ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ އެތެރެ--- ފޮޓޯ: އޭޕީ

އެމެރިކާގެ ނޫސްވެބްސައިޓެއް ކަަމަށްވާ އޮމާހާ އިން މިއަދު ބުނީ 13 އަހަރު ކުރިން ޓެރަރިސްޓް ހަމަލާއަކާ އެކު ބިމާހަމަވި އެމެރިކާގެ ވިޔަފާރި ހެޑް އޮފީސް ކަމުގައިވާ ވޯލްޑް ޓްރޭޑް ސެންޓަރު އަލުން އިމާރާތްކޮށް އެ އޮފީހުގައި އިއްޔެ ހެނދުނު ވަނީ މަސައްކަތް ފަށާފައި ކަމަށެވެ.

"އެ އިމާރާތް ވަނީ ވިޔަފާރި ކުރުމަށް ހުޅުވާލާފައި. އެ އިމާރާތަކީ ރީތި، ތާރީހީ އަދި އޮފީސް އިމާރާތެއް. އަދި އެ އިމާރާތް ހުރީ ވިޔަފާރި އަށް ހުޅުވާލާފައި،" ވަން ވޯލްޑް ޓްރޭޑް ސެންޓަރު އަލުން މަރާމާތު ކުރުމުގައި ބައިވެރިވި ޖަމިއްޔާއެއް ކަމަށްވާ ޑްރްސްޓް އޯގަނައިޒޭޝަންގެ އޮފިޝަލު ޖޯޑަން ބަރޯވިޓްޒް މީޑިއާ އަށް ބުނެފައިވެ އެވެ.
އަލުން އިމާރާތްކުރި ވަން ވޯލްޑް ޓްރޭޑް ސެންޓަރުގައި އެންމެ ފުރަތަމަ މަސައްކަތްކުރަން ފެށި ކުންފުނި ކޮންޑެ ނާސްޓްގެ ނަންބޯޑު--- ފޮޓޯ: އޭޕީ

އަލުން އިމާރާތްކުރި ވަން ވޯލްޑް ޓްރޭޑް ސެންޓަރަކީ 104 ފަންގިފިލާއާ އެކު އެމެރިކާގެ އެންމެ އުސް އިމާރާތުގެ ލަގަބު ހޯދާފައިވާ އިމާރާތެކެވެ. ގާތްގަނޑަކަށް 3.0 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ އެ އިމާރާތުގައި އެންމެ ފުރަތަމަ މަސައްކަތް ފަށާފައި ވަނީ ފޮތާއި މަޖައްލާ ޝާއިއުކުރާ ބޮޑު ކުންފުންޏެއް ކަމަށްވާ ކޮންޑެ ނާސްޓް އެވެ. އެ ކުންފުނީގެ މުވައްޒަފުންނަށް އާ ވޯލްޑް ޓްރޭޑް ސެންޓަރަށް ވަނުން ވަނީ ވަރަށް ބިރުވެރި އަދި ކުރީގެ ހަނދާންތައް އާވާ ކަހަލަ ތަޖުރިބާއަކަށް ވެފައިކަމަށް މީޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ބިރުގަންނާނެކަން އަލުން އެތަނަށް ދާން. އެކަމަކު ބިރުން އުޅެންޏާ ދިރިއުޅުމުގައި އެއްވެސް ކަމެއް ނުވާނެ،" ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ 21 ވަނަ ފަންގިފިލާގައި މަސައްކަތްކުރާ ކޮންޑެ ނާސްޓް ކުންފުނީގެ މުވައްޒަފެއް ކަމަށްވާ 25 އަހަރުގެ ވިޖޭ ރާމްޗަރިތްރަ މީޑިއާ އަށް ބުނެފައިވެ އެެވެ.
ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ ލިފްޓުތައް ހުންނަ ކޮރިޑޯ--- ފޮޓޯ:އޭޕީ

ވަން ވޯލްޑް ޓްރޭޑް ސެންޓަރު އަލުން ހުޅުވުމާ ގުޅިގެން ހާއްސަ ހަރަކާތެއް ރާވާފައިނުވި ނަމަވެސް އެ އިމާރާތަކީ އެމެރިކާ އަށް ހިތާމަވެރި ހާދިސާއަކާ ކުރިމަތިވެއްޖެ ނަމަ އޭގެ ޖަވާބުގައި އަލުން އެއަށް ވުރެ މާ ބާރަށް ނުކުންނާނެކަން އަންގައިދޭ ނިޝާނެއްކަމަށް މީޑިއާ އިން ބުންޏެވެ. ދެ ހާސް ހަވަ ވަނަ އަހަރުން ފެށިގެން ހަދަމުން އައި އެ އިމާރާތަކީ މުޅި ނިއުޔޯކް ސިޓީގައި އެންމެ ސެކިއުރިޓީ ވަރުގަދަ އޮފީސް އިމާރާތް ކަމަށް ވެސް އޮމާހާ އިން ބުންޏެވެ.
ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ ސެކިއުރިޓީ ގާޑު އެއޮފީހަށް ވަންނަން އައި މީހަކު ޗެކު ކުރަނީ--- ފޮޓޯ: އޭޕީ

ވަން ވޯލްޑް ޓްރޭޑް ސެންޓަރުގެ 60 ޕަސެންޓް ވަނީ މިހާރު އެކި އެކި ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކަށް ކުއްޔަށްދީ ނިމިފަ އެވެ. ބާކީ ބައިތައް ވެސް ވަރަށް އަވަހަށް ކުއްޔަށް ދޫކޮށް، ކުރިއެކޭ އެއްގޮތަށް އަލުން ހުޅުވި ވަން ވޯލްޑް ޓްރޭޑް ސެންޓަރު ވެސް މަސައްކަތްކުރަން ފަށާނެ ކަމަށް ވެސް އެނޫހުން ބުންޏެވެ.

ދެހާސް އެއް ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު ދެ މަތިންދާ ބޯޓުން ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރަށް ދިން ހަމަލާގައި އެ ދެ އިމާރާތް ބިމާ ހަމަވެ، 2753 މީހަކު ވަނީ މަރުވެފަ އެވެ.