04 Nov 2014, 15:37
އިސްތަންބޫލް (ނޮވެމްބަރ 4): އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަތުމަށް މިދިޔަ ސެޕްޓެމްބަރު މަހު ނިޔުޔޯކްގައި ހުންނެވި އިރު މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއާ ބައްދަލުކުރުމުގެ ދައުވަތެއް ލިބިވަޑައިގެންނެވި ކަމަށާއި ނަމަވެސް ސީސީއާ ބައްދަލުކުރެއްވުމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާނެ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން އިސްތަންބޫލްގެ ޔުނިވަރސިޓީ އެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީއަކީ ޝަރްއިއްޔަތު ލިބިފައިވާ ވެރިއެއްކަމަށް ގަބޫލުނުކުރައް ވާތީ ސީސީ އާ ބައްދަލުކުރުމަށް ދެކޮޅު ހެއްދެވީ ކަމުގަ އެވެ. ސީސީ އާ ޚިލާފަށް އޭނާއަކީ ޝަރްއިއްޔަތު ގެއްލިފައިވާ ވެރިއެއްނޫންކަމަށް އުރުދުޣާން ވިދާޅުވި އެވެ.
ހުޅަނގުގެ ދެފުށްދެގޮތް ސިޔާސަތުތަކަށް ފާޑުކިޔުއްވަމުން އުރުދުޣާން ވިދާޅުވީ ސީސީގެ ޒަޢާމަތުގައި މިސްރަށް އަސްކަރީ އިންގިލާބެއް ގެނަސް މިސްރުގެ ޑިމޮކްރެޓިކް ވެރިޔާ ޑރ. މުޙައްމަދު މުރުސީ މަގާމުން ދުރުކޮށް ޝަރީޢަތަކާނުލައި މުރުސީ ޖަލަށްލުމުންވެސް ހުޅަނގުގެ ސަރުކާރުތަކަށް އެކަން ބޮޑުކަމަކަށް ނުވިކަމަށާ އަދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ޕްރޮމޯޓްކުރާ ކަމަށް ބުނާ ހުޅަނގުގެ މީޑިޔާއިންވެސް ސީސީގެ ނިޒާމަށް ފާޑުކިޔާފައިނުވާ ކަމުގަ އެވެ.
އަދި މުރުސީގެ ވެރިކަން ވައްޓާލުމާ ގުޅިގެން އެކަމާ ދެކޮޅަށް މުޒާހަރާކުރި މިސްރުގެ އާންމުންނާ ދެކޮޅަށް ސީސީގެ ކޮންޓްރޯލް އޮތް މިސްރުގެ ވަގުތީ ސަރުކާރުން ބާރުގެ ބޭނުންކޮށް ބަޑިޖަހައި އެތައް ސަތޭކަ ބަޔަކު މަރާލުމުން ވެސް އެއީ މާބޮޑުކަމަކަށް ހުޅަނގުގެ މީޑިޔާ އިން ނުހެދި ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އުރުދުޣާން އިތުރަށް ވިދާޅުވީ ސީސީގެ ވެރިކަމުގައި މިސްރުން އަލްޖަޒީރާގެ އެތައް ނޫސްވެރިއަކު ދިގުމުއްދަތަކަށް ޖަލަށްލުމުން ވެސް އެއީ ހުޅަނގުގެ މީޑިޔާއަށް މާބޮޑު ކަމަކަށް ނުވިކަމަށާ އަދި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެފަހުން ހިންގި އުދުވާންގައި އިސްރާއީލުން 16 ނޫސްވެރިއަކު މަރާލުމުން އެކަން ވެސް ހުޅަނގުގެ މީޑިޔާއަށް މުހިއްމު ކަމަކަށް ނުވިކަމުގަ އެވެ. ނަމަވެސް ހުޅަނގުގެ ގައުމުތައް ނުރުހޭ ގައުމަކުން މިފަދަ އަމަލެއް ހިންގި ނަމަ ދުނިޔޭގައި މީހަކަށް އުޅެން އުނދަނގޫވާ ވަރަށް ނޫސްވެރިންގެ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ހުޅަނގުގެ މީޑިޔާ އިން ޕްރޮޕަގެންޑާ ފެތުރީސް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން، މިދިޔަ އަހަރު ތުރުކީގެ އިސްތަންބޫލްގެ ގެޒީ ޕާކްގެ މައްސަލާގައި މުޒާހަރާކުރި ފަރާތްތައް ކޮންޓްރޯލް ކުރުމަށް ޓަކައި ތުރުކީގެ ފުލުހުން ވަރަށް އާދައިގެ މިންވަރަކަށް ކަރުނަގޭސް އާއި ފެންފަދަ ތަކެތި ބޭނުންކޮށްލުމުންވެސް އެކަން މާބޮޑުކޮށްލައިގެން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ހުޅަނގުގެ މީޑިޔާއިން ތުރުކީ ސަރުކާރާދެކޮޅަށް ވަރުގަދަ ޕްރޮޕަގެންޑާތަކެއް ފަތުރައި އަދި ބަހުގެ ޙަމަލާތަކެއްދިންކަން އުރުދުޣާން ފާހަގަ ކުރެއްވި އެވެ.
އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްއާ ދެކޮޅަށް ހުޅަނގުންދޭ ހަމަލާތަކަށް އިޝާރާތް ކުރައްވަމުން އުރުދުޣާން ވިދާޅުވީ އައިއެސްއިން އިރާގުގެ ސީރިޔާގެ އެތަށް ސަރަހައްދެއް ހިފައި އެދެގައުމުގެ އާންމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގަމުން ގެންދާއިރުވެސް މިއިން ކަމަކާ އަޅައިނުލާ ހުޅަނގުގެ ފޯކަސް ހުރީ ހަމައެކަނި ތުރުކީއާ އިންވެގެންވާ ސީރިޔާގެ ރަށެއް ކަމަށްވާ ކުބާނީގައި ހަރަކާތްތެރިވާ އައިއެސްގެ ހަނގުރާމަވެރިންނަށް ކަމަށްވާތީ މިއީ ސުވާލުއުފެދޭ ކަމުގަ އެވެ. އަދި ހުޅަނގުން ސީރިޔާގެ ރައްޔިތުންނާއި ކުރުދީންގެ ހައްގުތަކުގެ ވާހަކަ ދައްކާއިރު ސީރިޔާގެ 1.6 މިލިޔަން ރެފިއުޖީންނަށާއި ކުރުދީންގެ ދެލައްކައަށްވުރެ ރެފިއުޖީންނަށް ޙިމާޔަތާއި ރައްކާތެރިކަމާއި ކާބޯތަކެއްޗާއި ބޭސްފަރުވާ ތުރުކީން ފޯރުކޮށްދޭއިރު ހުޅަނގުގެ ހުރިހާ ގައުމެއް ގުޅިގެންވެސް ހިޔާވަހިކަމާއި ހިމާޔަތް ފޯރުކޮށްދީފައިވަނީ ސީރިޔާގެ އެންމެ އެއްލައްކަ ތިރީސް ހާސް ރެފިއުޖީންނަށް ކަމަށް އުރުދުޣާން ވިދާޅުވި އެވެ. (އަލްޖަޒީރާ)