އަފްޣާނިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ތިބި ފުލުހުންނަށް އެ ގައުމުގެ ސަރުކާރުން މުސާރަ ނުދޭތީ ފައިސާ ހޯދުމަށް ހަތިޔާރު ވިއްކަމުންދާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

އަފްޣާނިސްތާނުގެ ހާމަ ޕްރެސްއިން އިއްޔެ ބުނީ ލޮގާރާއި މައިދާނާއި ޣަޒްނީ އާއި ވަރުދަކްގައި ތިބޭ އަފްޣާން ފުލުހުންނަށް ސަރުކާރުން މުސާރަ ނުދޭތާ ތިން މަސް ދުވަސް ވެފައިވާ ކަމަށެވެ. ބައެއް ފުލުހުންނާ ހަވާލާދީ އެ ނޫހުން ބުނީ މުސާރަ ނުދޭތާ ތިން މަސް ވުމުން އަނބިދަރިންނަށް ކާން ބޯން ދެވޭނެ ގޮތެއް ނެތުމުން ފުލުހުންގެ ބައެއް ކޮމާންޑަރުންނާއި އާދައިގެ މީހުން އެ މީހުންގެ އަތުގައިވާ ހަތިޔާރު ވިއްކަމުންދާ ކަމަށެވެ.

އަފްޣާން ފުލުހުން ހަތިޔާރު ވިއްކަނީ އާއްމުންނަށާއި ތާލިބާން ހަނގުރާމަވެރިންނަށެވެ. އަދި މުސާރަ ނުދޭތީ އަތްމަތި ހުސްވެފައިވާ ބައެއް ފުލުހުން ތާލިބާނުންނާ ގުޅެމުންދާ ކަމަށް ވެސް ނޫހުގައި ވެއެވެ.

"...ލުއި އަދި ބަރު ހަތިޔާރު ހިމެނޭ ގޮތުން 50 ހަތިޔާރު އަހަރެމެންގެ ޗެކްޕޮއިންޓްގައި އެބަހުރި. މަރުކަޒީ ސަރުކާރުން އަހަރެމެންގެ މުސާރަ އިތުރަށް ލަސް ކުރާ ނަމަ، އަނބި ދަރިންނަށް ކާންބޯން ދިނުމަށް ފައިސާކޮޅެއް ހޯދަން އަހަރެމެން މި ހަތިޔާރުތައް ވިއްކަން ފަށާނަން،" ޣަޒްނީ ޕްރޮވިންސް ފުލުހުންގެ މެދުތެރޭ ސަރަހައްދުގައިވާ ފުލުހުންގެ ފައުޖެއްގެ ވެރިއެއް ކަމަށްވާ އަކުބަރު އަލީ ބަރާކީ ބުނި ކަމަށް ނޫހުގައި ވެއެވެ.

އަކުބަރު ބުނެފައި ވަނީ މުސާރަ ލަސްވާ ނަމަ އޭނާގެ ބެލުމުގެ ދަށުގައިވާ 45 ފުލުހުން އެ މީހުންގެ ވަޒީފާ ދޫކޮށްލާނެ ކަމަށެވެ. އަދި އެމީހުން ގުޅޭނީ ތާލިބާނުންނާ ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

"...ފުރަތަމަ އެމީހުންގެ އަތުގައިވާ ހަތިޔާރު އެ މީހުން ވިއްކައިލާނެ ތާލިބާނުންނަށް. ދެން އެމީހުން ތާލިބާނުންނާ ގުޅޭނެ. އެއީ އެމީހުން އެބަޔަކާ ދެކޮޅަށް މިއޮތް ހުރިހާ ދުވަހު ހަނގުރާމަ ކުރި މީހުން"، އަކުބަރު ބުނެފައި ވެއެވެ.
ފުލުހުންގެ އެހެން ކޮމާންޑަރަކު ބުނެފައި ވަނީ މިހާރު ކަންތައްތައް ވަމުންދާ ގޮތަށް ވާނެކަން އެނގޭ ނަމަ އޭނާ ތާލިބާނުންނާ އަދާވާތްތެރިއެއް ނުވީސް ކަމަށެވެ.

ނަމަވެސް އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޕޯޓްތައް ފަތުރާފައި ވަނީ މާ ކަންބޮޑުކޮށްލައިގެން ކަމަށެވެ.