04 Nov 2014, 14:08
ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ ރައީސް ސަރީރާ އަލީ ޝަރީފް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސޮއިކުރައްވައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިއަދު ފޮނުއްވި ސިޓީފުޅުގައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގައި ހިނގި ހުޅުޖެހުމުގެ ހާދިސާއާ ގުޅިގެން ބަޔަކު ހައްޔަރުކޮށްގެން މިދިޔަ މަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރަން ކުރި އަމުރު ތަންފީޒުކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ކޮމިޝަނަރު ހުސައިން ވަހީދު އާއި އަޕާ ސައުތު ޑިވިޝަން ކޮމާންޑަރު މުހައްމަދު ބަޝީރު އާދީއްތަ ދުވަހުގެ ރޭ 7:30 އަށް އެ ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ވަނީ އަންގަވާފައެވެ.
ޕީއައިސީއަށް ފޮނުވި ސިޓީގައި ކޯޓު އަމުރު ތަންފީޒު ނުކުރި މައްސަލައާ ގުޅިގެން އެ ކޮމިޝަންގެ ރައީސް ސަރީރާ ވެސް އެދުވަހު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ވަނީ އަންގަވާފަ އެވެ.