04 Nov 2014, 13:57
ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ އަދަބު ލުއި ކުރާ މުއްދަތު އަވަސް ކުރުމަށް، މައާފުދިނުމާ އަދަބުލުއިކޮށްދިނުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.
މަޖިލީހަށް އެ ބިލް ބަލައިގަންނަން ފެންނަ ކަަމށް ފާސްވީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލް މަޖިލީހުން ބަލައިގަތުމުން، އެ ބިލް ދިރާސާ ކުރުމަށްޓަކައި ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށް ފޮނުވާފަ އެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންވާނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރު ބައި ކުޅަ އެއްބައި ތަންފީޒުވެ ނިމުމުން ކަމަށެވެ.
މިހާރު އެ ގާނޫނުގައިވާގޮތުން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅޭނީ ހުކުމުގެ ތިން ބައި ކުޅަ އެއްބައި ތަންފީޒުވެ ދިއުމުންނެވެ.
ބިލްގެ ބަހުސް މަރުހަލާގައި ވަހަކަފުޅު ދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ކުށްވެރިންނަށް ވަކި މުއްދަތެއްގެ ފަހުން މައާފް ދިނުމުގެ ކުރިން އެ މީހުންނަކީ މުޖުތަމައުއަށް ބޭނުންތެރި ބައެއް ކަމުގައި ހަދަން ޖެހޭ ކަަމަށެވެ. އެގޮތުން ކުށްވެރިން ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ދުވަސްވަރުގައި އެ މީހުންނަކީ އަޚުލާގީގޮތުން ރަނގަޅު ބައެއް ކަމުގައި ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ މުޖުތަމައުގައި ކުށްވެރިން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެގެން ދިއުމުން އަންގައިދެނީ ޕެރޯލް ސިސްޓަމް ހަރުދަނާ ވަމުން ނުދާކަން ކަމަށެވެ. އެހެންކަމުން ޖަލުތަކުގައި ތިބި ކުއްވެރިން އަވަހަށް މުޖުތަމައުއަށް ގެނައުމުގެ ކުރިން އެ މީހުން ޖަލުގައި ތިބޭ ވަގުތުގައި އެ މީހުންނަށް އެކަށީގެންވާ ޓްރޭނިންދީ ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް އަދަބު ދިނުމަށް އޮތް ދާއިރާ ފުޅާވެގެން ދާނެ ކަމަށެވެ. އަދި އެއީ ކުދި ކުދި ކުށްކުށުގައި ދިިގުމުއްދަތަށް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޒުވާނުން އަލުން މުޖުތަމައަށް ގެނައުމަށް ހުޅުވުނު ވަރަށް މުހިންމު ދޮރެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އެ ބިލަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ރާއްޖެއަށް މުސްތުވާތަކެތި އެތެރެކުރާ މީހުންނާއި ޑްރަގްގެ ބޮޑެތި ވިޔަފާރި ކުރާ މީހުންނަށް އަދަބު ދެވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލް ހުށަހެޅި ސަބަބާ ބެހޭ ގޮތުން އެ ބިލްގައި ވަނީ ކުރިން އަމަލު ކުރި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އަދަބު ދީފައިވާ މީހުންނަށް ކޮންމެ ވެސް މިންވަރެއްގެ ލުޔެއް ލިބިދީ މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހަދަންޖެހޭ ކަމަށެވެ.
"މަސްތުވާތަކެއްޗާ ބެހޭ އާ ގާނޫނަކަށް ޑިސެންބަރު 31، 2011 ގައި އަމަލު ކުރަން ފަށާފައިވާއިރު، ކުރީގެ ގާނޫނުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް، 1 ގްރާމަށް ވުރެ، ގިނައިން އަތުގައި ހުރެގެން ހަމައެކަނި އެ ސަބަބަށްޓަކައި ސާބިތުވިނަމަވެސް، މިއަދު، އާ ގާނޫނުގެ ދަށުން އެ ކުށުގެ ރުކުންތަކާއި އުންސުރުތަކާއި އަތުގައި ހުންނަޖެހޭ މިންވަރުތައް ބަދަލުވެފައިވާތީ، ކުރީގެ ގާނޫނުގެ ދަށުން ހުކުން ތަންފީޒު ކުރަމުންދާ މީހުންނަކީ އާ ގާނޫނުގެ ދަށުން ކުށް ކުރި ބައެއްނަމަ ގިނަބަޔަކު އެކުށުގެ ތެރެެއަށް ފެތިގެން ނުދާނެ އެވެ،" ތޯރިގު ހުށަހެޅުއްވި ބިލުގައި ބުނެފައިވެ އެވެ.