04 Nov 2014, 13:34
"ޓްރޫ ފްރެންޑް އޮފް އިންޑިއާ" ނުވަތަ އިންޑިއާގެ ހަގީގީ އެކުވެރިޔާގެ ލަގަބު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އަށް ދީފި އެވެ. އެ ލަގަބު އޭނާއަށް ދިނީ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ–މޯލްޑިވްސް (ފެއިމް) އިންނެވެ.
މުންދުއަށް އެ ލަގަބް ދޭން ފެއިމް އިން ފުރަތަމަ ހަމަޖައްސާފައި އޮތީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފުލާގައެވެ. ނަމަވެސް އެ ހަފުލާއަށް އޭނާއަށް ހާޒިރުވެވަޑައި ނުގެންނެވުމުން ލަގަބު އޭނާއަށް ދެއްވީ މިދިޔަ އާދީއްތަ ދުވަހު ކާނިވަލުގައި ބޭއްވި ސަގާފީ ޝޯއެއްގަ އެވެ.
ޓްރޫ ފްރެންޑް އޮފް އިންޑިއާ ލަގަބުގެ ހަނދާނީ ފިލާ މުންދުއަށް ދެއްވީ ފެއިމްގެ ނައިބު ރައީސް އަދި ފައުންޑަރު ހިންމަތު އޭ ހުސައިނެވެ.
ފެއިމް އާއި އިންޑިއާ ހައި ކޮމިޝަނުން ރާއްޖޭގައި ހިންގާ ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވި އެ ޝޯ ބެއްލެވުމަށް އެ ޖަމިއްޔާއާއި އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުން ވަޑައިގެންނެވި އެވެ. އަދި ދެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ޝޯ ބަލަން ދިޔަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.