މެލޭޝިއާގައި ގެއްލިގެން ހޯދަމުން އައި މ. ހާޑްރޮކް މުހައްމަދު ހަމްދާން،28، ފަސް މަސް ފަހުން ތައިލޭންޑްގައި ހުއްޓާ ފެނިއްޖެ އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބެސަޑަރު މުހައްމަދު ފަޔާޒު މިއަދު "ސަން" އަށް ވިދާޅުވީ އޭނާ ތައިލެންޑްގައި ހުރިކަން އެނގުނީ ތައިލެންޑްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓަށް އޭނާ އަމިއްލަ އަށް އިއްޔެ ހާޒިރުވުމުން އެތަނުން އެ މައުލޫމާތު މެލޭޝިއާގަައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާ ހިއްސާކުރުމުން ކަމަށެވެ.

ނަމަވެސް އޭނާ ތައިލޭންޑްގައި ހުރީ ކޮން ބޭނުމެއްގައި ކަމެއް އަދި އޭނާ ގެއްލެން ދިމާވީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައި ނުވާ ކަމަށް ވެސް އެމްބެސެޑަރު ވިދާޅުވި އެވެ.

"އޭނާ ފެނިގެން އެ މައުލޫމާތު މިހާރު ވަނީ ލިބިފައި. އެހެންވެ މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބޭފުޅަކު މިއަދު އޭނާގެ ކައިރިއަށް ދާނެ. ދިއުމުން އިތުރު މައުލޫމާތު ލިބޭނީ،" ފަޔާޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ހަމްދާން ގެއްލިފައި ވަނީ މިއަހަރުގެ ޖޫން މަހު މެލޭޝީޔާއިން ޑިގްރީ ކޯހެއް ފުރިހަމަ ކުރުމަށްފަހު މާލެ އަައުމަށް މެލޭޝިއާގެ އެއާޕޯޓުން ޗެކިން ވެސް ހެދި ފަހުންނެވެ. ނަމަވެސް އޭނާ އިމިގްރޭޝަން ޕާސްކޮށްފައި ނުވާތީ އާއި އޭނާގެ ގާތް މީހުން އޭނާ ގެއްލިގެން އެމްބަސީއަށް ހުށަހެޅުމާ ގުޅިގެން މެލޭޝިއާގެ ފުލުހުންނާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ ކޮށްފަ އެވެ.