ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރު ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ތައާރަފްކޮށް، އިންޕޯޓް ޑިއުޓީގެ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ފަސް ކަމެއް ކުރަން ނިންމާފައިވެ އެވެ. އެއީ ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ތައާރަފް ކުރުމާއި އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިސް ކުރުމާއި ސްޕެޝަލް އިކޮނަމިކް ޒޯންތަކަށް އަންނަ އިންވެސްޓްމަންޓުތަކުން އެކިއުޒިޝަން ފީއެއް ނެގުމާއި ބިންވެރިކުމުގެ ޕްރޮގްރާމް ހިންގައިގެން އާމްދަނީ ހޯދުމާއި ރިސޯޓް ހިންގަން 10 ރަށެއް ކުއްޔަން ދިނުމެވެ.

އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ކުރަން ނިންމާފައިވާ ކަންތައްތަކުން 3.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖިހާދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރު ރާއްޖޭގައި އަލަށް ނަގަން ފަށާ ގްރީން ޓެކްސްގެ ތަފްސީލެއް ޖިހާދު ވިދާޅެއް ނުވެ އެވެ. ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ބައެއް މީޑިއާއަށް ވިދާޅުވެފައިވާ ގޮތުގައި ގްރީން ޓެކްސް ނަގާނީ ޓޫރިސްޓުންގެ އަތުނެވެ. ދެހާސް އެގާރަ ވަނަ އަހަރުން ފެށީގެން ޓޫރިސްޓުންގެ އަތުން ނަގަމުން އައި ޓީޖީއެސްޓީ މި މަހު ވަނީ 12 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިސް ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ރާއްޖެއަށް އިންޕޯޓް ކުރާ ބާވަތްތަކުގެ ތެރެއިން 21 ބާވަތަކުން މިއަހަރު ކުރީކޮޅު ވަނީ ޑިއުޓީ ބޮޑުކޮށްފަ އެވެ. މި ސަރުކާރުން ޑިއުޓީ ބޮޑު ކުރި ބާވަތްތަކަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިއުޓީ ކުޑަކޮށް، އަދި ޑިއުޓީ ނެގުން ހުއްޓާލި ބާވަތްތަކެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޖިހާދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ޖިހާދު ވިދާޅުވި އެވެ.