26 Jan 2011, 15:31
ލޯކަލް ގަވަމަންޓް އޮތޯރިޓީގައި ހޯމް މިނިސްޓަރު އެކަނި ހުންނަވައިގެން އެއްވެސް ނިންމުމެއް ނުނިންމޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މީހަކު މައްސަލައެއް ހުށަހަޅައިފި އެވެ.
ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ނިންމުމެއް ނުނިންމޭނެ ކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިވާކަން ސިވިލް ކޯޓުން ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް މައްސަލަ ހުށަހެޅީ ކޮން ފަރާތަކުން ކަމާއި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ކޯޓަކުން ނުދެ އެވެ.
ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތުތައް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައި ވަނީ އެ އޮތޯރިޓީގައި ހޯމް މިނިސްޓަރު ހަސަން އަފީފް އެކަނި ހުންނަވައިގެނެވެ. އެ ޝަރުތުތައް ކަނޑައަޅާފައި ވަނީ، ލޯކަލް ގަވަމަންޓް އޮތޯރިޓީން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ހިދުމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑެއް ކަނޑަ އެޅިފައި އޮވެގެން ނޫނީ ސިޓީއެއްގެ ދަރަޖަ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށް ނިންމައި އައްޑޫ ސިޓީ އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ނިންމެވުން ސިވިލް ކޯޓުން ބާތިލް ކުރެއްވުމުންނެވެ.
އެ މައްސަލަ ކޯޓަށް ވައްދާފައި ވަނީ ގައުމީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިމާދް ސޯލިހެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީގައި ރައީސް އައްޔަން ކުރައްވާ ވަޒީރެއްގެ އިތުރުން މާލޭ ސިޓީ ކައުންސިލުން އައްޔަން ކުރާ މެންބަރަކާއި އަތޮޅު ކައުންސިލްތަކުން އައްޔަން ކުރާ ހަތަރު މެންބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެންބަރަކާއި އާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރަކާއި ސިޓީ ކައުންސިލްތަކުން އައްޔަން ކުރާ މެންބަރަކު ހިމަނަންޖެހޭނެ ކަމަށް ގާނޫނު ބުނެ އެވެ.