04 Nov 2014, 12:42
މަޖީދީމަގާއި ޗާނދަނީމަގުގައި އިންދާފައި ހުރި ފެން ފޯއްރުއްތައް ކެނޑުމުގައި ފުލުހަކު ނުވަތަ ފުލުހުންގެ ބަޔަކު ބައިވެރިވެފައިވާ ނަމަ އެ މައުލުމާތެއް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އަށް ހިއްސާ ކުރުމަށް އެ ކޮމިޝަނުން އެދެފި އެވެ.
ޕީއައިސީ އިން އާދިއްތަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މަޖީދީމަގާއި ޗާނދަނީމަގުގައި އިންދާފައި ހުރި ފެން ފޯއްރުއްތައް މިދިޔަ މަހުގެ 23 އަދި 24 ވަނަ ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ކަނޑާލި މައްސަލާގައި ފުލުހުން ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ފުލުހުންގެ ބައިވެރިވުމެއްވާ ނަމަ އެ މައުލޫމާތެއް އެކޮމިޝަނާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
"މާލޭގެ މަޖީދީމަގާއި ޗާނދަނީމަގުގައި އިންދާފައި ހުރި ފެންފޯއް ރުކެއް ނުވަތަ ރުއްތަކެއް ކަނޑާލި މަންޒަރު ދުށް ފަރާތެއްވާ ނަމަ، ނުވަތަ ރުއްތައް ކަނޑާލުމުގައި ފުލުހަކު ނުވަތަ ފުލުހުންގެ ބަޔަކު ޝާމިލުވެފައިވާ ކަމަށް ބެލެވޭ ފަދަ އެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާ ނަމަ މި ކޮމިޝަނަށް ހާޒިރުވެވަޑައިގެން އެ މައުލޫމާތު ހިއްސާ ކުރެއްވުމަކީ މިކޮމިޝަންގެ ވަރަށް ބޮޑު އެދުމެކެވެ." ޕީއައިސީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ޕީއައިސީން ބުނީ އެ ކޮމިޝަނާ މައުލޫމާތު ހިއްސާ ކުރާ ފަރާތްތަކަކީ ކޮންބައެއްކަން ސިއްރު ކޮށްދޭނެ ކަމަށެވެ.
ފެންފޯއްރުއްތައް ކަނޑާލުމުގައި ފުލުހުން ބައިވެރިވެފައިވާ ނަމަ އެކަން ޕީއައިސީ އަށް ހިއްސާ ކުރުމަށް އެކޮމިޝަނުން އެދިފައިވާ އިރު، ފެންފޯއްރުއްތައް ކަނޑާލުމުގައި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގައި މަސައްކަތްކުރާ ދެ ފުލުހަކު ބައިވެރިވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ އޭގެތެރެއިން އެއް ފުލުހެއްގެ ނަން މީޑިއާއަށް ހިއްސާ ވެސް ކުރައްވައިފަ އެވެ.
ފެންފޯއް ރުއްތައް ކަނޑާލީ ފުލުހުން ކަމަށް ތުހުމަތުކޮށް ބައެއް ފަރާތްތަކުން ވާހަތައް ފަތުރަމުން ގެންދާތީ، އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން ވެސް އަންނަނީ ތަހުގީގުކުރަމުން ނެވެ.