ކިޑުނީ ނުވަތަ ގުރުދާ އަކީ ކާނާއިން އެންމެ ބޭނުންވާބައި ހަށިގަނޑަށް ދަމާލުމަށް ފަހު ބޭނުމެއް ނެތް ބޭކާރު ޓޮކްސިންތަކާއި އެހެނިހެން ސާމާނު ހަށިގަނޑުން ބޭރުކޮށްދޭ ގުނަވަނެވެ. ލޭ ސާފުކޮށް އޭގައި ހުންނަ ކުނި ކުޑަކަމުދާ އެއްޗެހީގެ ގޮތުގައި ހަށިގަނޑުން ބޭރުކޮށްދޭ ގުނަވަނަކީ ވެސް ގުރުދާ އެވެ. އެހެންވުމުން ގުރުދާ ސާފުކޮށް، އެގުނަވަން ރަނގަޅަށް ބެލެހެއްޓުމަކީ އަހަރުމެންގެ ޒިންމާއެކެވެ.

ގުރުދާ ރަނގަޅަށް ބެލެހެއްޓުމަށް ޓަކައި ގިނައިން ފެން ބޯން ޖެހެ އެވެ. ދުވާލަކު މަދުވެގެން ދެ ލީޓަރު ފެން ބުއިން އާދަކުރުމުން ގުރުދާ އަށް ލޭސާފުކުރުމަށާއި އޭގައި ހުންނަ ނޭދެވޭ އެއްޗެތި ކުޑަކަމުދާ އެއްޗެހީގެ ގޮތުގައި ނެރެލުމަށް ފަސޭހަވެގެންދެ އެވެ. އޭގެ އިތުރުން ގުރުދާގެ މަސައްކަތަށް ލުއިކުރުމަށް ޓަކައި ބޮވިދާނެ ހާއްސަ ޖޫހެއް ވެސްވެ އެވެ. އޮލަންކަން ގަދަ "މިރެކިއުލަސް ކިޑުނީ ސްމޫތީ" ނަމަކަށް ކިޔާ އެ ޖޫހަކީ މަދު އެއްޗެއް ބޭނުންކޮށްގެން ކުޑަ ވަގުތުކޮޅެއްގައި ހަދާލެވޭނެ ޖޫހެކެވެ.

ތިރީގައި ކިޔާލަދީފައި އެވަނީ "މިރެކިއުލަސް ކިޑުނީ ސްމޫތީ" ހަދާނެގޮތެވެ. އެ ޖޫހަކީ ރަހަމީރު، ފައިދާއިން ފުރިފައިވާ ބަނޑު ފުރާލާނެ ޖޫހެކެވެ. "މިރެކިއުލަސް ކިޑުނީ ސްމޫތީ" ބުއިމުން ލިބޭ އެންމެ މުހިންމު ފައިދާ އަކީ ގުރުދާ ސާފުވުމެވެ.

ޖޫސް ހެދުމަށް ބޭނުންވާ ތަކެތި:
އެއް ދޮންކެޔޮ ވައް
އެއް ކިވީ
ލުނބޯ ފަޅިއެއް
ބައި ޖޯޑު އަލްމަންޑްސް
ބައި ސަމްސާ ޕާރްސްލީ (ކުދިކޮށް ކޮށާފައި)
އެއް ޖޯޑު ފެން


ހަދާނެ ގޮތް:
ކިވީ އާއި ލުނބޯ ފަޅީގެ ތޮށި މަށާލުމަށް ފަހު، މަތީގައި ބުނެފައިވާ އެހެން ހުރިހާ އެއްޗެކާ އެކު މިކްސްޗަރަށް އަޅާލާށެވެ. އެއަށް ފަހު އޮލަ ވަންދެން ގިރާލާށެވެ. ޖޫސް ތައްޔާރުވީ އެވެ. އަލްމަންޑްސް އަށް ނުވަތަ އެހެންނިހެން ބާވަތުގެ ބަދަނަށް ވެސް އެލާޖިކް ނަމަ އަލްމަންޑްސް ނާޅާ ވެސް މިޖޫސް ހެދޭނެ އެވެ.

މައުލޫމާތު: ހެލްތް ޑައިޖެސްޓް