ރާއްޖޭގެ 180 ރަށެއްގައި މީހުން ދިރިއުޅޭ ނަމަ ދައުލަތުން ހަރަދު ކުޑަ ކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކުލަވާލައި އަމަލު ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓް ހުށަހަޅުއްވަމުން ޖިހާދު މިއަދު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް "ވީހާ ވެސް އަވަހަކަށް" އާބަދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެކަމަށް އަމަލީ ސިފަ ގެންނަން ޖެހޭ ކަމަށެވެ. އެ މަސައްކަތަކީ އުނދަގޫ ކަމަކަށް ވިޔަސް އެއީ ކޮންމެހެން ކުރަން މުހިއްމު ކަމެއް ކަމަށާއި އާބާދީ އެއްފަސް ކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށައަޅައި އެއަށް އަމަލީ ސިފައެއް ގެނައުން މުހިއްމު. މިކަމުގައި ތިޔަ އިއްޒަތްތެރި މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން ވާނެ ކަމަށް އަޅުގަނޑު ދެކެން،" ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވެސް ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޖިހާދު ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު "ހިތްހަމަޖެހޭ" ހިސާބަކަށް ނުގެންދެވެނީ ދައުލަތުގެ މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމާއި ސަބްސިޑީއަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަން ޖެހޭ ހަރަދު އިތުރުވާތީ ކަމަށް ޖިހާދު ވިދާޅުވި އެވެ. މިއަހަރުގެ ބަޖެޓުން ދައުލަތުގެ މުވައްޒަފުންގެ ހަރަދަށް 5.8 ބިލިއަން ރުފިޔާ އަަށް ހަރަދުވާނެ ކަމަށާއި ސަބްސިޑީ އާއި އިޖުތިމާއީ ރައްކާތެރިކަމަށް މިއަހަރުގެ ބަޖެޓުން 3.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

"...އެހެންކަމުން ދައުލަތުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއިން 40 ރުފިޔާ ހަރަދު ވަނީ މުވައްޒަފުންގެ ހަރަދަށް. އަދި 22 ރުފިޔާ ހަރަދު ވަނީ ސަބްސިޑީ އާއި އިޖުތިމާއީ ރައްކާތެރިކަމަށް،" ޖިހާދު ވިދާޅުވި އެވެ.

"އާސަންދައަށް ދައުލަތުން ކުރާ ހަރަދުތަކަކީ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރަން ޖެހިފައި. މި ގޮތުން މި ހަރަދު ދެމެހެއްޓެނިވި ގޮތަކަށް ހެދުމަށްޓަކާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން. މީގެ އިތުރުން ކާޑުގެ ބާވަތްތައް އަގުބޮޑުވެ ނުދީ ހިފެއްހެއްޓުމަށް ކުރެވޭ ސަބްސިޑީއަކީ ވެސް ޓާގެޓް ކުރެވިގެން ދެވޭ ސަބްސިޑީ އަކަށް ހެދުމަށް ސަރުކާރުން މިދަނީ މަސައްކަތްތަކެއް ކުރަމުން."

ސަރުކާރުގެ ހިއްސާވާ ގިނަ ކުންފުނިތަކަކީ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ދައްވަމުންދާ ކުންފުނިތަކެއް ކަމަށް ފާހަގަ ކުރައްވައި ޖިހާދު ވިދާޅުވީ ކުންފުނިތައް ބަރޯސާވެފައި ވަނީ ދައުލަތުގެ ބަޖެޓަށް ކަމަށެވެ.

ސަރުކާރުން މިއަދު މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވަނީ ރިކަރަންޓް ހަރަދަށް ކަމަށް ޖިހާދު ވިދާޅުވި އެވެ. އެއީ ބަޖެޓުގެ 15.8 ބިލިއަން ރުފިޔާ އެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޖިހާދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ޖިހާދު ވިދާޅުވި އެވެ.