މާލެއިން ފުރައިގެން ށ. ކަނޑިތީމަށް ދިޔަ ބޯޓެއް ފަރަކަށް އަރައިފި އެވެ.

ފުލުހުން ބުނީ ކަނޑިތީމު ވިނަރެސް ބޯޓު ފަރަށްއެރި ހާދިސަގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ މާލެއިން ކަނޑިތީމަށް ދަތުރުކުރި ބޯޓު އަތޮޅުގައި އޮންނަ އޮރިމަސްކިޔާ ފަރަކަށް ރޭ 3:50 އެހާކަންހާއިރު އަރާފައިވާ ކަމުގެ މައުލޫމާތު ލިބުމާ އެކު އެ ސަރަހައްދަށް ގޮސް ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް ބޯޓު ފުން ކުރުމުގައި އެހީތެރިވެދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ފަރަށް އެރި ވިނަރެސް ބޯޓުގައި ހަތަރު އަންހެނުންނާއި 19 ފިރިހެނުން ތިބި ކަމަށެވެ.

ވިނަރެސް ބޯޓަށް އެހީތެރިވެފައި ވަނީ މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ލޯންޗެއް ކުއްޔަށް ހިފައިގެންނާއި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެހީތެރިކަމާ އެކު ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންނާއި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް ގުޅިގެން ކުރި މަސައްކަތުން އޮރިމަސްވަރު ފަރަށް އެރި ވިނަރެސް ބޯޓު ފުން ކޮށްފައި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.