ޕާކިސްތާނާއި އިންޑިއާ ގުޅޭ ވަގާ ބޯޑަރު ކްރޮސިން އަށް ދިން ޓެރަރިސްޓް ހަމަލާ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) އިން ކުށްވެރިކޮށްފި އެވެ.

ޕާކިސްތާނުގެ 61 އަށް ވުރެ ގިނަ މީހުން މަރުވި އެ ހަމަލާ ކުށްވެރިކުރައްވައި ނެރުއްވި ބަޔާނުގައި ބާން ވިދާޅޫވެފައި ވަނީ އެއްވެސް ހާލަތެއްގައި އެފަދަ އަމަލުތަކަށް އެއްވެސް ބަހަނާއެއް ނުދެއްކޭނެ ކަމަށެވެ. އަދި އެކަން ކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޭނާ ވަނީ ގޮވައިލައްވާފަ އެވެ. ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި ޕާކިސްތާނު ސަރުކާރަށް އޭނާ ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ވަގާ ބޯޑަރުގައި އާދީއްތަ ދުވަހު ދިން އެހަމަލާއާއި ބެހޭ ޖާސޫސީ މައުލޫމާތު ޕާކިސްތާނާއި އިންޑިއާގެ ސިފައިންނަށް ކުރިން ލިބުނު ކަމަށް ބައެއް ސިފައިންނާ ހަވާލާދީ ރޮއިޓާސް އިން އިއްޔެ ބުންޏެވެ. އެ އެޖެންސީގެ ހަބަރުގައި ބުނެފައި ވަނީ ހަމަލާއާ ބެހޭ މައުލޫމާތު ލިބުމުން ދެގައުމުގެ ސިފައިން ވެސް ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރި ކަމަށެވެ. އަދި އެގޮތަށް ކަންތައް ނުކުރެވުނު ނަމަ އެއަށް ވުރެ ގިނަ މީހުން އެ ހަމަލާގައި މަރުވީސް ކަމަށެވެ.

ޕާކިސްތާނު ފުލުހުން އިއްޔެ ބުނެފައި ވަނީ އެ ސަރަހައްދުން ގިނަ އަދަދެއްގެ ގޮވާތަކެތި އިއްޔެ ހޯދިފައިވާ ކަމަށެވެ.
ވަގާ ބޯޑަރު ކްރޮސިން އަށް ދިން ހަމަލާގެ އަމާޒަކީ މިހާރުވެސް ގޯސްވެފައިވާ ދެގައުމުގެ ގުޅުން އިތުރަށް ގޯސްކުރުން ކަމަށް ރޮއިޓާސްއާ ވާހަކަ ދެއްކި ޕާކިސްތާނުގެ އިންޓެލިޖެންސް އޮފިޝަލުން ރޮއިޓާސް އިން ބުނެފައިވެ އެވެ.

ހަމަލާދިން ސަރަހައްދަކީ ދެގައުމުގެ ސިފައިން ގުޅިގެން ކޮންމެ ދުވަހަކު ބާއްވާ ދިދަ ކުރުމުގެ ރަސްމިއްޔާތު ބެލުމަށް އެތައް ސަތޭކަ ބަޔަކު އެއްވާ ތަނެކެވެ. ހަމަލާގައި މަރުވިމީހުންނަށް އިހުތިރާމްކުރުމުގެ ގޮތުން ދެގައުމުން ފުރަތަ ނިންމީ އެ ރަސްމިއްޔާތު ވަގުތީ ގޮތުން ހުއްޓައިލުމަށެވެ. ނަމަވެސް ޓެރަރިސްޓުންނަށް މެސެޖެއް ދިނުމުގެ ގޮތުން އެކަން ހުއްޓައި ނުލައި ކުރިއަށް ގެންދިއުމަށް ފަހުން ވަނީ ނިންމާފަ އެވެ.