ރާއްޖޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ހުރިހާ ފަރާތްތައް އެއްކޮށް ކުރާ މަސައްކަތުން، މިހާރަށް ވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ހިއުމަންރައިޓްސް ކޮމިޝަނުން އެ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ފައްޓައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިންތިޒާމުކޮށްގެން މިއަދު ސޯލްޓް ކެފޭގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގެ މަގްސަދަކީ، އެޗުއާރުސީއެމް އިން ބުނި ގޮތުގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތްތައް އެހެން ފަރާތްތަކާ ހިއްސާކުރާނެ މަގުފަހިކޮށްދިނުމެވެ.

އޭގެ އިތުރުން އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކަށް ދިމާވާ ދަތިތަކާ މެދު މަޝްވަރާކޮށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކުގައި މިހާރަށް ވުރެ ބޮޑަށް ނަތީޖާނެރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުން ހިމެނޭ ކަމަށް ވެސް އެޗުއާރުސީއެމް އިން ބުންޏެވެ.

މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވާ ޖަމިއްޔާތަކުގެ ތެރޭގައި ޓައިނީ ހާޓްސް އާއި ވުމަން އެންހޭންސްމަންޓްގެ އިތުރުން ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަނާއި އާކް ފަދަ ޖަމިއްޔާތަކާ އެކު ޖުމުލަ 21 ފަރާތަކުން ބައިވެރިވެ އެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި ސިއްހީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ އިތުރުން ޑިމޮކްރަސީގެ އުސޫލުތައް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތްތައް ހިމެނެ އެވެ.

އެ ފޯރަމްގެ ނަތީޖާއެއްގެ ގޮތުން ދިވެހި ރާއްޖޭގައި މަދަނީ ޖަމިއްޔާތައް އިންސާނީ ހައްގުތައް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެވޭ ގޮތްތައް ބަޔާންކުރާ ކަރުދާހެއް ބައިވެރިން ތައްޔާރުކުރާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެ އެވެ.

މިއަދުން ފެށިގެން މިމަހު ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ކޮންފަރެންސްގައި ހޯމް މިނިސްޓްރީ އާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ވެސް ބައިވެރިވެ އެވެ