އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ އޮޑިޓާ ޖެނެރަލް ކަމުގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލި އިރު އެ މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒު އެ މަގާމުން ވަކިވެފައިވާކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ނަމަވެސް އޮޑިޓް ގާނޫނަށް ގެނައި ބަދަލުގައި ބުނަނީ އެ ބިލް ތަސްދީގު ކުރައްވާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަކު އައްޔަން ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ނަންފުޅެއް ފޮނުވަންވާނެ ކަމަށެވެ. އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.

އެހެންކަމުން މިހާރު އޮޑިޓާ ޖެނެރަލަކު ނުހުންނާނެ ކަމަށް އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.