ހޯރަފުށިން: އަހުމަދު ސާއިލް އަލީ

ގޮނޑުދޮށަށް ފާހާނާ އަށް ކުރުމަށް ދިޔަ ހަނދާން އަދި ވެސް ހއ. ހޯރަފުށީ ދުވަސްވީ މީހުން ނުނެތެ އެވެ. ހަމައެހެންމެ ގޭގެ ގިފިއްޔަށް ވަޅު ޖަހައިގެން ފާހާނާ ކުރި ހަނދާން ވެސް އެމީހުން ނުނެތެ އެވެެ. ހަމައެހެންމެ ގޭގެ ދޮށުގައި ޖަންގުޝަން ހަދަން ބޮޑެތި ވަޅުތައް ކޮނުމަކީ މިއަދާ ޖެހެންދެން ވެސް މިރަށުގެ ހާލެވެ. ތިން ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސައަކީ ފެން ތަޣައްޔަރުވުމުގެ މައްސަލައެވެ. އެކަމުގެ ސަބަބަކީ ބިމަށް ނަޖިސް ހިންދުމެވެ.

"ހޯރަފުށީގައި މިވަނީ ވަރަށް ބޮޑަށް ފެން ތަގައްޔަރު ވެފައި. މިރަށުގެ ބައެއް ހިސާބުތަކުގައި ފެން ބޭނުން ކުރެވޭ ވަރެއް ވެސް ނޫން،" ހޯރަފުށީ ކައުންސިލް މެމްބަރު އަލީ ރިޔާޒު ވިދާޅުވި އެވެ.

ހޯރަފުށީ ގިނަ ރައްޔިތުންންނާ ވާހަކަ ދައްކާލުމުން އެނގުނީ މި ރަށުގެ ބޮޑު ބަޔަކަށް ވަނީ ފެން ބޭނުން ނުކުރެވޭ ހިސާބަށް ވުރެ ބޮޑަށް ފެން ތަޣައްޔަރުވެފައި ކަމެވެ. ގިނަ ހިސާބުތަކުގެ ވަޅު ފެނުން ނުބައި ވަސް ދުވައި ފެނުގެ ކުލަ ބަދަލުވެފައި ވުމުން ފެންވެރުމަށާއި އެއްޗެތި ދޮވުމަށް ވެސް މިރަށުގެ ބައެއް ހިސާބުތަކުގައި ފެން ބޭނުން ކުރެވޭ ވަރެއް ނޫނެވެ.

އާބާދީ ބޮޑުވުމުން ބިމުގެ ދަތިކަމަކީ ވެސް މިރަށަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައަކަށްވާ އިރު ކޮންމެ ގެއަކުން ޖަންގުޝަންއެއް ހެދުމަށް ބިމުން ބޮޑު ހިސާބެއް ބޭނުން ކުރަން ޖެހޭ ޖެހުމަކީ ވެސް މިރަށު ރައްޔިތުން ތަހައްމަލް ކުރަމުންދާ ބޮޑު ވޭނެކެވެ.

"މިލިބެނީ ކުޑަ ބިންކޮޅެއް ގެއެއް އަޅަން، ދެން މިޖެހެނީ ޖަންގުޝަން އަކަށް ބޮޑު ސިންގާ ތަންގަނޑެއް ދޫކުރަން، އެވެސް އެއް ކޮޓަރި އެޅޭހާ ތަން، އެހެން ކަމުން ޖަންގުޝަން ހަދަން މި ބޭނުންކުރަން ޖެހޭ ބިން ދޫނުކުރެވިއްޖެ ނަމަ ކިތަންމެހާ ވެސް ބޮޑު ފަސޭހައެއް މިއީ،" ހޯރަފުށިގެ ޒުވާނެއް ކަމަށްވާ މިދުހަތު އާދަމް ބުންޏެވެ.

ހަމައެހެންމެ ފަހުގެ ތާރީހަށް ބަލާ އިރު ވިއްސާރަވެ މޫސުން ގޯސްވާ ހާލަތްތަކުގައި ޖަންގުޝަންތަކުން ނަޖިސް ބޭރުގެ ބަލި މަޑުކަން ފެތުރުމަކީ ވެސް މިރަށުގެ ބޮޑު އާބާދީ ތަހަށްމަލްކޮށްފައިވާ ކަންކަމެވެ.

އިސްވެ ފާހަގަ ކުރި ދަތި އުނދަގޫތަކުގެ ސަބަބުން ނަރުދަމާއެއްގެ ހައްލަކީ މިރަށުގެ ރައްޔިތުންގެ ބޮޑު އިންތިޒާރެކެވެ. މިސަރުކާރުން މިވަނީ އެ ފަރާތްތަކަށް މި ވައުދު ފުއްދައި ދިނުމުގެ މަސައްކަތް ފަށައިފަ އެވެ. އެތައް ރައްޔިތުންގެ ދިގު އިންތިޒާރު މިއަދު މިވަނީ ނިމުމަކަށް އަންނަން ކައިރިވެފަ އެވެ. އެތައް ވޭނަކުން ސަލާމަތް ވެވޭނެ ކަމުގެ އުންމީދެއް ލިބި ހަމަނޭވާއެއް ލުމުގެ ފުރުސަތު ހޯރަފުށީ ރައްޔިތުންނަށް މިއަދު މިވަނީ ވެފަ އެވެ. އާއެކެވެ. ހޯރަފުށީގައި ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން މިއަދު އިފްތިތާހް ކޮށްދެއްވާނެ އެވެ.

ހޯރަފުށީގައި ނަރުދަމާ އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީ އާ އެވެ. އަދި އެ ކުންފުނިން ސަބް ކޮންޓެކްޓަރެއްގެ ގޮތުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް ކޮންސްޓުރަކްޝަން އާ އެވެ.

ދިވެހި ދައުލަތުން 77 މިލިއަން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ މަސައްކަތް ކުރާތާ 15 ވަރަކަށް ދުވަސް ވެފައިވީ ނަމަވެސް ރަސްމީކޮށް މަސައްކަތް ކުރުން އޮތީ މިއަދު އެވެ. މިރަށުގައި ގާއިމް ކުރާ ނަރުދަމާގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށާ އިރު މި މަައްކަތް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ ކުންފުނިން ބުނެ އެވެ.

އެމްޑަބްލިޔްއެސްސީގެ އޮފިިޝަލަކު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓުގެ ދަށުން ހޯރަފުށީގެ 400 ވަރަކަށް ގޭގައި ނަރުދަމާ އެޅުމަށް ނިންމާފައިވެ އެވެ. އެއީ މިރަށުގެ ހުރިހާ ގެއެއް ކަވަރުވާ ގޮތަށް ކަމަށާއި މިރަށުގައި އަޅާ ނަރުދަމާއަކީ 15.7 ކިލޯ މީޓަރުގެ ނެޓުވޯކެއް ކަމަށް ވިދާޅުވި އެވެ. އަދި މިނަރުދަމާއާ އެކު ހަތަރު ޕަންޕް ސުޓޭޝަން މިރަށުގައި ގާއިމް ވެގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އާއެކެވެ. ހިތްހަމަޖެހޭ ވަރަށް ފެންވަރާނުލެވި ރީތި ފެންފޮދަކުން އެއްޗެތި ނުދޮވެ އުޅުނު ދުވަހަކީ މާޒީ ކަމުގައި ހަދައި އަލުން ބަލުން ފަސޭހަ ދިރިއުޅުމަކަށް ދިއުމުގެ އުންމީދު 3000 މީހުންގެ މި އާބާދީ އިން މިއަދު ކުރެ އެވެ. މިއީ އެމީހުންގެ އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުމެވެ.