ވަގަޑޫގޫ (ނޮވެމްބަރ 4): ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބުރްކީނާ ފާސޯގެ އިންގިލާބީ ވެރިންނަށް އެފްރިކާގެ އިއްތިޙާދުން ފިއްތުންތައް ކުރިމަތި ކުރުމުން ވެރިކަން މަދަނީ ސަރުކާރަކާ ޙަވާލުކުރާނެ ކަމަށް އިންގިލާބީ ވެރިޔާ ލެފްޓިނެންޓް ކާނަލް އިސްހާގް ޒީދާ ވިދާޅުވެއްޖެ އެވެ.

ވެރިރަށް ވަގަޑޫގޫގައި އިދިކޮޅު ލީޑަރުންނާ ބައްދަލުކުރެއްވުމަށް ފަހު ޒީދާ ވިދާޅުވީ ގައުމުގައި މަދަނީ އިންތިގާލީ ސަރުކާރެއް ގާއިމް ކުރުމަށްޓަކައި މަދަނީ ރައީސަކު ވަރަށް އަވަހަށް އައްޔަން ކުރެވޭނެކަމަށާއި އިންތިގާލީ މަރްހަލާގެ މުއްދަތު ވެސް ކަނޑައެޅިގެންދާނެ ކަމުގަ އެވެ. މިކަންތައްތަކާބެހޭ ގޮތުން އިދިކޮޅު ސިޔާސީ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބުރްކީނާ ފާސޯގެ ރައީސް ބެލޭޒް ކަންބައުރީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވުމަށް ފަހު އަވަށްޓެރި އައިވަރީ ކޯސްޓަށް ވަޑައިގަތުމުން އެގައުމުގައިވަނީ ވެރިކަމުގެ ކޯޅުމެއް އުފެދިފަ އެވެ. ނަމަވެސް ސިފައިންގެ އެހީތެރިކަމާ އެކު އެގައުމުގެ ވެރިކަން މިހާރު ކޮންޓްރޯލް ކުރަމުންގެންދަނީ ރިޔާސީ ގާޑުންގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އިސްހާގް ޒީދާ އެވެ. ޒީދާ އިންތިގާލީ ވެރިކަމެއް ކުރައްވަން ފެއްޓެވުމުން އިދިކޮޅު ފަރާތްތައްވަނީ މަގުތަކަށްނުކުމެ މަދަނީ ސަރުކާރަކާ ވެރިކަން ޙަވާލުކުރުމަށް ގޮވާލާފަ އެވެ.

ބުރްކީނާ ފާސޯގެ ވެރިކަން މަދަނީ ސަރުކާރަކާ ހަވާލުކުރާނެ ކަމަށް ޒީދާ ވިދާޅުވެފައިވާ އިރު ދެހަފްތާ ތެރޭގައި އެގައުމުގެ ވެރިކަން މަދަނީ އިންތިގާލީ ސަރުކާރަކާ ޙަވާލުނުކޮށްފި ނަމަ އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އެފްރިކާގެ އިއްތިޙާދުން ވަނީ ދީފަ އެވެ. މަދަނީ އިންތިގާލީ މަރްޙަލާއަކަށް ފަހު ބުރްކީނާ ފާސޯގެ ވެރިކަން ދިމުގްރާތީ ނިޒާމަކަށް ބަދަލުވެގެންދާނެ ކަމަށްވެސް ޒިދާ ވިދާޅުވި އެވެ. (ރޮއިޓާސް)