04 Nov 2014, 09:37
ދަވްޙާ (ނޮވެމްބަރ 4): މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙިމާޔަތުގައި މުސްލިމުން ޖިހާދަށް ތައްޔާރުވެ ތިބުމަށް އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ އިއްތިޙާދުން ދުނިޔޭގެ މުސްލިމުންނަށް ގޮވާލައިފި އެވެ.
މިއިއްތިޙާދުގެ ރައީސް ޑރ. ޔޫސުފް އަލްގަރްޟާވީ ސޮއިކުރައްވައި އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެތަނުގެ ވަށައިގެން ބަރަކާތް ލައްވާފައިވާ މަސްޖިދުލްއަގްސާ އިސްރާއީލުގެ އަޅުވެތިކަމާއި ގޯނާތަކުން ސަލާމަތް ކުރުމަށްޓަކައި އާންމު ޖިހާދަކަށް ތައްޔާރުވެ ތިބުމަކީ އިސްރާއީލުގެ ޢަމަލުތައް މިހާރު ހުރި ގޮތުން މުސްލިމުން ކުރަންޖެހޭ ކަމެއް ކަމަށް ދެކޭކަމުގަ އެވެ. މިގޮތުން މަސްޖިދުލްއަގްސާ އަކީ މުސްލިމުންގެ ފުރަތަމަ ގިބްލަކަމަށް ވެފައި އިސްރާއީލުގެ ސަރުކާރާއި ހައްދުފަހަނަޅާފައިވާ ޔަހޫދީން އެމުގައްދަސް ބިނާ އަށް ގޯނާކޮށް އެތަނުގެ ހުރްމަތް ކަނޑަމުންދާއިރު މަސްޖިދުލްއަގްސާ އަށް ނަސްރު ދިނުމަށް މުސްލިމުން ތެދުވަންޖެހޭނެ ކަމަށާއި އަދި އެކަމާ އަޅާނުލައި ތިބުމަކީ ޚިޔާނާތެއް ކަމަށް ދެކޭކަމަށް ވެސް މިބަޔާން ބުނެ އެވެ.
އިސްލާމީ ދަންނަބޭކަލުންގެ ޖަމްޢިއްޔާ އިން މިބަޔާނެއް ނެރެފައި މިވަނީ އިސްރާއީލުގެ ޕާލަމެންޓްގެ ނައިބު ރައީސް މޯޝޭ ފިގިލީން އިސްކޮށް ހުންނަވައިގެން ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ބަޔަކާ އެކު މަސްޖިދުލްއަގްސާގެ ޙަރަމްފުޅުގެ ތެރެއަށް މިދިޔަ އާދީއްތަ ދުވަހު ވަދެގަނެ އެމުގައްދަސް ބިނާގެ ޙުރަމަތް ކަނޑައި އެތާނގައި ނަމާދުކުރާ މީހުންނަށް ޖެއްސުން ކުރުމުގެ އަމަލުތަކެއް ހިންގުމާގުޅިގެންނެވެ. އިސްލާމީ ދަންނަބޭކަލުންގެ ޖަމްޢިއްޔާ އިން ބަޔާނުގައި، އިސްރާއީލުން މަސްޖިދުލްއަގްސާގެ ހުރްމަތް ކެނޑުމުގެ އިތުރުން އެމިސްކިތުގައި ނަމާދުކުރާ މީހުންނަށް ހުރަސްއަޅައި ބަޑިން ޙަމަލާދީ އެމީހުން މަރައި އަދި ޒަޚަމް ކުރަމުންގެންދާ ކަމުގެ ޚަބަރުތަކަކީ ކޮންމެ ދުވަހަކު އިވެމުންދާ ވޭނުންފުރިފައިވާ ޚަބަރުތަކެއްކަން ފާހަގަކޮށްފައިވެ އެވެ.
މިހުރިހާ ޖަރީމާތަކެއް އިސްރާއީލުން ހިންގަމުން ގެންދާއިރު އިސްލާމީ އުންމަތް އެކަމާދެކޮޅަށް ހަރަކާތްތެރިނުވެ ހިމޭނުންއޮވެފައި އިސްލާމީ އެތަށް ގައުމެއް ދާޚިލީ ލޭއޮހޮރުވުންތަކެއްގެ ތެރެއަށް ވެއްޓިފައިވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ވެސް މިބަޔާން ސިފަކޮށްފައިވެއެވެ. މިބަޔާން ނިންމާލަމުން ބުނެފައިވަނީ އިސްރާއީލުގެ ސަރުކާރާއި ޔަހޫދީންގެ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން މާތްވެގެންވާ މަސްޖިދުލްއަގްސާއަށާއި އެތާނގައި އަޅުކަންކުރާ މުސްލިމުންނަށް ދޭ ކޮންމެ ގެއްލުމެއްގެ ޒިންމާ އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުން އުފުލަންޖެހޭނެ ކަމުގަ އެވެ. އިސްލާމީ ދަންނަބޭކަލުންގެ ބައިނަލްއަގްވާމީ އިއްތިޙާދަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އިސްލާމީ އެންމެ އިސް ދަންނަބޭކަލުން އިސްކޮށް ތިއްބަވައިގެން އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާގެ މިދައުރުގެ ރައީސަކީ ގަތަރުގައި ދިރިއުޅުއްވާ މިސްރުގެ އިސް ދަންނަބޭކަލެއް ކަމަށްވާ އަލްއައްލާމާ ޑޮކްޓަރު ޔޫސުފް އަލްގަރްޟާވީ އެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ހަތް ވަނަ އަހަރުގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ މާތްވެގެންވާ މަސްޖިދުލްއަގްސާގެ ޙުރްމަތް ކަނޑައި އެމިސްކިތަށް ނަމާދަށް ދާ ފަލަސްތީނު ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ގޮތުން އިސްރާއީލުން ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލައި އަރަބި ލީގުން ވެސް ބަޔާނެއް ނެރެފައިވެ އެވެ. އަދި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ މުޖާހިދުންގެ ޖަމާއަތްތަކުންވެސް ވަނީ އިސްރާއީލުގެ މިޖަރީމާތައް ކުށްވެރިކޮށް ބަޔާންތައް ނެރެފަ އެވެ. (އަލްޖަޒީރާ)