އަންނަ އަހަރަށް ލަފާކޮށް 24.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ އަދަދަކީ 24،341،906،072 ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ 65 ޕަސެންޓް ހަރަދުވާނީ ރިކަރަންޓް ހަރަދަށް ކަމަށެވެ. އެއީ 15.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރުގެ ބަޖެޓުގެ 26 ޕަސެންޓް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ސޯޝަލް ސެކިއުރިޓީ އާއި ވެލްފެއާ އަށް ބަޖެޓުގެ 13 ޕަސެންޓް ހަރަދުވާނެ ކަމަށް ވެސް އަންދާޒާކޮށްފައިވެ އެވެ. ދައުލަތުގެ އޮފީސްތައް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން އަށް ޕަސެންޓް ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓްރީ ލަފާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މަޖިލީހުގައި--- ފޮޓޯ: މަޖިލިސް

އަންނަ އަހަރުގެ ދައުލަތުގެ ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް ހޭދަވާނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށާއި ދައުލަތުން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށް ޖިހާދު ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ދެ ވަނަ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ޖިހާދު ވިދާޅުވި ގޮތުގައި އަންނަ އަހަރު ޓެކްސްގެ ގޮތުގައި 13 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށާއި ޓެކްސް ނޫން ގޮތުގައި 6.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭނީ 1.7 ބިލިއަން ރުފިޔާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން މިއަދު ވަނީ މަޖިލީހަށް ފަސް ކަމެއް ހުށަހަޅާފަ އެވެ. އެއީ އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންޕޯޓް ޑިއުޓީގެ ބައެއް ރޭޓުތައް ރިވައިސް ކުރުމާއި ގްރީން ޓެކްސްގެ ނަމުގައި އާ ޓެކްސްއެއް ނަގަން ފެށުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އަށް އަންނަ އިންވެސްޓްމަންޓުތަކުން ފީއެއް ނެގުމާއި ބިންވެރި ކުރުމުގެ ޕްރޮގްރާމް ހިންގައިގެން އާމްދަނީ ހޯދުމާއި ޓޫރިސްޓު ރިސޯޓުތައް ހިންގުމަށް 10 ރަށެއް ކުއްޔަށް ދިނުމެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ބަޖެޓު 1.3 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ބަޖެޓުގެ ޑެފިސިޓް ފޫބައްދާނީ ބޭރު ފަރާތްތަކުން ލިބޭނެ ކަމަށް ބެލެވޭ 1.1 ބިލިއަން ރުފިޔާ އާއި ބެލެސްޓިކް ފައިނޭންސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ 223 މިލިއަން ރުފިޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 2.9 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި އެއީ މިއަހަރު ބަޖެޓްކޮށްފައިވާ އަދަދަށް ވުރެ 32 ޕަސެންޓް އިތުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: މަޖިލިސް

ސިއްހީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުގައި 2.1 ބިލިއަން ރުފިޔާ ހުށަހަޅާފައިވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އެއީ މި އަހަރު އެ ދާއިރާއަށް ބަޖެޓްކޮށްފައިވާ އަދަދަށް ވުރެ 21 ޕަސެންޓް އިތުރު އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) މެދުވެރިކޮށް ރައްޔިތުންނަށް ދޭ އިޖުތިމާއީ ރައްކާތެރިކަމާއި ސަބްސިޑީގެ ގޮތުގައި ކުރާ ހަރަދަށް 3.2 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅުއްވާފައިވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ހިންގުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 300 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޒުވާނުންނަށް ކަނޑައަޅާ އަދަދަކީ މިއަދުގެ ބަޖެޓުގައި ޒުވާންނަށް ހަރަދު ކުރުމަށް ހިމަނާފައިވާ އަދަދަށް ވުރެ 50 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ.

އަތޮޅުތަކަށް ކުރާ ހަރަދަށް އަށް ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.

ޕީއެސްއައިޕީގެ ޕްރޮގްރާމްތަކުގެ ދަށުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއެންއައިއޭ) ތަރައްގީ ކުރުމާއި މާލެ/ހުޅުލެ ބްރިޖްގެ މަޝްރޫއު އާއި އައިޖީއެމްއެޗް މަރާމާތު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި 66 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމާއި 22 ރަށެއް ރަށް ގިރުން ހައްލުކޮށް، 105 ރަށެއްގައި ކުނި މެނޭޖު ކުރުމަށާއި އިޔާދަ ކުރަނިވި ހަކަތައިގެ މަސައްކަތް އަންނަ އަހަރު ފަށައިގަތުމަށް މިއަދު މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި އަލަށް ފަށާ 23 ބަނދަރާއި މިހާރު ކުރިއަށް ގެންދާ 38 ބަނދަރުގެ މަސައްކަތް ކުރުމަށާއި ހުޅުމާލެ އާއި ދެކުނު 1985 ހައުސިން ޔުނިޓާއި ހދ. އަތޮޅުގައި 600 ހައުސިން ޔުނިޓް އެޅުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތީ ނާޒުކު ހާލަތެއްގައި ކަމަށް ފާހަގަ ކުރައްވައި ޖިހާދު މިއަދު ވިދާޅުވީ ދައުލަތުގެ ދަރަނި މިއަހަރު ނިމޭއިރު 31 ބިލިއަން ރުފިޔާއަށް އަރާނެ ކަަމަށެވެ.