04 Nov 2014, 00:48
އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންމެ އިސްކަމެއް ދެއްވަނީ ދައުލަތުގެ ދަރަނިން ސަލާމަތްވުމަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނާއެކު ރައީސް ޔާމީން މިއަދު ހަވީރު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން 'ސަން' އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ، ރައީސް ބޭނުންފުޅުވަނީ ދައުލަތުން ދައްކަންޖެހޭ ދަރަނި އަވަހަށް އަދާކޮށް ނިންމާލެއްވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، ސުނާމީ ކާރިސާއަށްފަހު ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަމަށާއި ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔައިރު އިންތިހާ ދަރަޖައަށް ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަ ކަމަށެވެ. އެގޮތުން ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އެކަނިވެސް 32 ބިލިއަން ރުފިޔާއިން ދައުލަތް ދަރަނިވެރިވެފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ދަރަނި އަވަހަށް އަދާކުރަންޖެހޭ ސަބަބަކީ ދައުލަތުގެ "ބެލެންސް ޝީޓް ހަޑިކޮށް އޮވެގެން" ބޭރު ގައުމަކުން ނުވަތަ އެހެން ބޭންކަކުން ލޯނެއް ލިބުމަކީ ވަރަށް ދަތި ކަމަކަށްވާނެތީ ކަމުގައި ރައީސް މިއަދު ވިދާޅުވި ކަމަށް ނިހާން ވިދާޅުވި އެވެ.
ސަރުކާރުން އަންނަނީ ދަރަނިތައް އަދާކުރަމުން ކަމަށާއި އެސްޓީއޯ އާއި އެމްޕީއެލް ފަދަ ތަންތަން ތަންތަނަށް ދައްކަންޖެހޭ ދަރަނި ސަރުކާރުން ދައްކަމުން އަންނާތީ އެތަންތަނަށް ފައިދާވަމުން އަންނަ ކަމަށާއި އެކަމުގެ މިސާލުތައް ރައީސް މިއަދު މެމްބަރުންނަށް ވިދާޅުވެދެއްވި ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިފަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް 30 ނުވަތަ 35 ޕަސެންޓު ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިކަމަށެވެ.