04 Nov 2014, 00:19
ކޮމްޕިއުޓަރާ ދޭތެރޭގައި މިހާރު މީހުން ދެކޭ ގޮތް ބަދަލުކޮށްލާނެ ވަރުގެ ކޮމްޕިއުޓަރެއް އެމެރިކާގެ މަލްޓިނޭޝަނަލް ޓެކްނޮޖީ ކޯޕަރޭޝަނެއް ކަމަށްވާ ހިއުލެޓް-ޕެކާޑް (އެޗްޕީ) އިން ދައްކާލައިފި އެވެ.
ސްޕްރައުޓްގެ ނަމުން ނަން ދީފައިވާ މި ކޮމްޕިއުޓަރަކީ ޑަބަލް ޓަޗް ސްކްރީން އޯލް-އިން-ވަން ޕާސަނަލް ކޮމްޕިއުޓަރު (ޕީސީ) އެކެވެ. ވިޝުއަލް އާޓިސްޓުންނަށާއި ފޮޓޯގްރާފަރުންނަށް ހާއްސަކޮށް އުފައްދާފައިވާ އެ ޕީސީގެ ސަބަބުން ތްރީ-ޑީ ސްކޭނިން އާއި ޕްރިންޓިން އާންމު ވެގެންދާނެ އެވެ.
ޕީސީގެ ސްކްރީން މަތީގައި ޕްރޮޖެކްޓަރެއް ހަރު ކުރެވިފައިވާއިރު މައުސް އާއި ކީބޯޑުގެ ބަދަލުގައި ބޭނުންކުރާނީ ޓަޗްޕެޑެކެވެ. ޓަޗްޕެޑް މަތީގައި އެއްޗެއް ބޭއްވުމުން އޭގެ ތްރީ-ޑީ ތަސްވީރެއް ޕްރޮޖެކްޓަރުގެ އެހީގައި ހެދުމަށްފަހު ސްކްރީނުން ދައްކާނެއެވެ. އޭގެ އެހީގައި ބޭނުންވާ ކޮންމެ އެއްޗެއްގެ ކޮޕީ ފަސޭހަ ކަމާއެކު ސްކްރީނަށް އަރުވާލެވޭނެ އެވެ.
ސްޕެސިފިކޭޝަނަށް ބަލާ އިރު މި ޕީސީގައި އިންޓެލްގެ އައި ސެވެން ޕްރޮސެސާއެއް ހަރު ކުރެވިފައިވެ އެވެ. ވިންޑޯސް 8.1 އާއެކު އަންނަ މި ޕީސީ އަކީ 8 ޖީބީގެ ރެމް އެއް ހަރު ކުރެވިފައިވާ ޕީސީއެކެވެ. ނަމަވެސް ރެމްގެ މެމަރީ 16 ޖީބީއަށް ބޮޑު ކުރެވޭނެ ކަމަށް އެޗްޕީ އިން ބުނެފައިވެ އެވެ.
ފުލް އެޗްޑީ 1080 ޕިކްސެލްސް ހުންނަ މި ސްކްރީންގެ ބޮޑު މިނަކީ 23 އިންޗި އެވެ. އަދި އެއް ޓެރަބައިޓްގެ ސްޓޯރޭޖެއް އެ ޕީސީގައި ހިމަނާފައިވެ އެވެ.
އަންނަ އާދިއްތަ ދުވަހު އާންމުކޮށް އެ ޕީސީ ބާޒާރަށް ނެރޭއިރު އޭގެ ޕީސީއެއް ގަންނަން ލިބޭނީ 1،899 އެމެރިކާ ޑޮލަރަށެވެ.
ސްޕްރައުޓު ގަންނަން ލިބޭނީ ހަމައެކަނި ބެސްޓް ބައިގެ 50 ސްޓޯރަކުންނާއި މައިކްރޯސޮފްޓްގެ 30 ސްޓޯރަކުންނާއި އެޗްޕީގެ ސައިޓުންނެވެ.