މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ފަސް ރަބަރު ޕެކެޓާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އަމީރު އަހުމަދު މަގުގައި ހަރަކާތްތެރިވަމުންދިޔަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން އެ މީހާއާއި އިތުރު މީހަކު ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓަން އެންގުމުން، އެމީހާ ވައްޓާލި އެއްޗެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައާ ގުޅިގެން މިރޭ 7:50 ހާއިރު ކަމަށެވެ.

މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މީގެ ކުރިން 15 ފަހަރު މަތިން ހުއްޓުވައި ސުވާލުކޮށް ދެ ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއް ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، މާރާމާރީ ހިންގުމުގެ މައްސަލައެއްގެ ރެކޯޑު ވެސް އޮންނަ އެ މީހާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.