ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު ފިލާފައިވާ ގައިދީއެއް ކަމުގައިވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކުރެވޭ ވަރުގެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރާ މީހަކަށް 10،000 ޑޮލަރު ސަރުކާރުން ހުށަހަޅައިފިއެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް ތ. ދިޔަމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އެކަން އިއުލާން ކުރައްވާފައެވެ.

"މިރޭ އަޅުގަނޑު އިއުލާންކުރަން ހ. ހާޖަރާގޭ އަބްދުﷲ ލުތިފީ ހައްޔަރުކުރުމަށް މަގުފަހުކޮށްދޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ހިއްސާކޮށްދޭ ފަރާތަކަށް 10،000 ޑޮލަރުގެ އިނާމެއް އަޅުގަނޑުމެން ސަރުކާރުން ދޭނަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ލުތުފީ އަކީ 3 ނޮވެމްބަރު 1988 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ 19 ދިވެހީން ޝަހީދުކޮށްލުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ އޭނާ ހައްޔަރު ކުރެވޭވަރުގެ މައުލޫމާތު ފުލުހުންނަށް ދިން މީހަކަށް 10،000 ޑޮލަރު ދިނުމަށް ސަރުކާރުން ނިންމިކަން ސްރީލަންކާ އާއި އިންޑިއާގައި ވެސް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާ ހަޔަރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މި 10،000 ޑޮލަރުގެ އިނާމު އޮތްކަން ސްރީލަންކާގަ އާއި އިންޑިއާގައި އަޅުގަނޑުމެން އިއުލާންކުރާނަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ލުތުފީ ހޯދުމަށްޓަކައި މީގެކުރިން ހޯމް މިނިސްޓްރީން ވަނީ 75،000 ރުފިޔާގެ އިނާމެއް ވެސް ހުށަހަޅާފައެވެ.

އެމަނިކުފާނު ވިދާޅުވީ ލުތުފީ ފިލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ރޯލެއް އޮތް ކަމަށާއި މިފަހަރު މި ހުށަހެޅި 10،000 ޑޮލަރުގެ ސަބަބުން އޭނާ ހައްޔަރުކުރަން މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ހުކުމުގައި ބާކީ އޮތްބައި ތަންފީޒު ކުރުމަށްޓަކައި އަނބުރާ ޖަލަށްލާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން ކޮންމެ އަހަރަކު ކަހަލަގޮތަކަށް އެދުވަސް އައީ ފާހަގަކުރަމުން ކަމަށާއި ނަމަވެސް ހިތާމަޔަކީ ރައީސް ނަޝީދުގެ ސަރުކާރުން އެދުވަސް ފާގަކޮށްފައިނެތުން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި އެދުވަސް ފާހަގަކޮށްފައި ވަނީ އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީގެ މެމްބަރުން ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

".....އެކަމަކު 2009 ވަނަ އަހަރު 2010 ވަނަ އަހަރު. 2011 ވަނަ އަހަރު. ހިތާމަޔާއެކު ދަންނަވާލަންޖެހޭނީ މިދުވަސް ފާހަގަކުރެވިފަކައެއް ނެތޭ. އެކަމަކު އޭރުގެ އިދިކޮޅު ޕާޓީގެ މެމްބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެންވާނެ އެ ތިން އަހަރު ވެސް ފާހަގަކޮށްފައި،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.