03 Nov 2014, 21:33
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި ޝަރަފުގެ ހިނގާލުމެއް ބާއްވައިފި އެވެ.
މިއަދު ހަވީރު 16:15ގައި ޝަރަފުގެ ހިނގާލުން ފައްޓާފައި ވަނީ ހުޅުމާލޭގެ ނިރޮޅުމަގާއި އަސުރުމާހިނގުމުގެ ކަންމަތިންނެވެ. ޝަރަފުގެ ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ނިރޮޅުމަގުން، ހަނދުވަރީ ހިނގުމުން، ހިތިގަސް މަގުން، ފިނިފެންމާ ހިނގުމުން، ފިތުރޯނު މަގަށެވެ. އަދި ޝަރަފުގެ ހިނގާލުން ނިންމާލައިފައި ވަނީ ފިތުރޯނުމަގު، އެމްޕީއެލް ސަރަހައްދަށެވެ.
ޝަރަފުގެ ހިނގާލުމުގައި މުޅި އެކު ތިން ތަނެއްގައި ލަޝްކަރު ވަނީ ހުއްޓިފަ އެވެ. މިގޮތުން ފުރަތަމަ ހުއްޓިފައި ވަނީ ނިރޮޅު މަގާއި ހުވަނދުމާ ހިނގުމުގެ ކަންމަތީގަ އެވެ. ދެވަނަ އަށް ހުއްޓިފައި ވަނީ އުނިމާ ހިނގުމާއި ހިތިގަސް މަގު ގުޅޭ ހިސާބުގައެވެ. އަދި ތިންވަނައަށް ހުއްޓިފައިވަނީ ފިތުރޯނު މަގުގައި ފެރީ ޓާރމިނަލް ކައިރީގަ އެވެ. މިއިން ކޮންމެ ތަނެއްގައި މަޑުކުރުމަށް ފަހު ސިފައިންގެ ބޭންޑްގައި ހިތްގައިމު ރާގުތަކެއްވަނީ ކުޅެފަ އެވެ.
މި ޝަރަފުގެ ހިނގާލުން މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝެނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު މުޙައްމަދުގެ އިތުރުން ޖެނެރަލް އޮފިސަރުން ބައްލަވާލެއްވި އެވެ.
މިއީ ހުޅުމާލޭގައި އެމްއެންޑީއެފުން ޝަރަފުގެ ހިނގާލުމެއް ބޭއްވި ފުރަތަމަ ފަހަރެވެ. ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ސައިލެންޓް ޑްރިލްގެ ހަރަކާތްތަކެއް ނޮވެމްބަރު ތިނެއްގެ ބިނާ ކައިރީގައި ވަނީ ބާއްވާފަ އެވެ.