03 Nov 2014, 21:09
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް އިންޑިއާ އިން ބުނާ ބުނުން އެގައުމުން ތަކުރާރުކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން މިހެން ވިދާޅުވީ މޮރިޝަސްއަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައިލެއްވުމަށް ފަހު އެނބުރި ވަޑައިގެންނެވި މަގުމަތީގައި އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މަޑުކޮށްލެއްވި އެގައުމުގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާ ސުވަރާޖެވެ. އެއާޕޯޓްގައި މަޑުކޮށްލެއްވި ވަގުތު ހުޅުލޭ އައިލެންޑް ހޮޓަލުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ސުޝްމާ ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުރިއެރުމާއި ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް އިންޑިއާ އިން ބޮޑު އަހައްމިއްޔަތުކަމެއްދޭ ކަމަށެވެ. އަދި މިނިސްޓަރު ދުންޔާ އާއި ރާއްޖޭގެ ރައްޔިތުންނަށް ނަސްރުގެ ދުވަހުގެ މުނާސަބާގައި ސުޝްމާ ތަހުނިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި ދެގައުމު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މި އަހަރަކީ ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރޭ އަހަރުކަން އޭނާ ފާހަގަ ކުރެއްވި ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޗިތުރާ ދުރާއީ އާއި އިންޑިއާ ހައިކޮމިޝަނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.