03 Nov 2014, 20:09
އިސްލާމިކް ސްޓޭޓަކީ އިސްލާމްދީނާ ގުޅުމެއް ނެތް ބައެއް ކަމަށް މީހުންނަށް ވިސްނައިދިނުމަށް ސައުދީ އަރަބިއްޔާގެ އެންމެ އިސް މުފްތީ ހިމަނައިގެން އެމެރިކާއިން މަސައްކަތްކުރަމުންދާ ކަމަށް އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ކެރީގެ އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވަނީ އެއީ އައިއެސްއާ ދެކޮޅަށް އެޅުނު މައިގަނޑު ފިޔަވަޅެއް ކަމަށެވެ.
" ބާތިލު ބަޔަކަށް ހެދުމުގެ މަސައްކަތެއް އަހަރެމެން އެބަ ކުރިއަށް ގެންދަން، އެކަމުގައި ހާއްސަކޮށް ސައުދީ އަރަބިއްޔާގެ ގްރޭންޑް މުފްތީ އާއި ސައުދީ އަރަބިއްޔާގައި ފަތުވާދޭ ކައުންސިލް ހިމެނޭ ގޮތުން. އައިސިލް އިން ކުރާ އެންމެހާ ދައުވާތައް އިސްލާމީ ގޮތުން ބާތިލުކަމަށް ވާހަކަ ދައްކާ އިމާމުންނާއި ދީނީ ނަސޭހަތްދޭ މީހުންނާއި އާޔަތުﷲ އިން ފަދަ އިސްލާމީ އެންމެން ވެސް ހިމަނައިގެން. މިއީ ބޮޑު، މައިގަނޑު ފިޔަވަޅެއް،" ކެރީ ވިދާޅުވެފައި ވެއެވެ.
ސުންނީ ގައުމުތަކުން އަދި ހާއްސަކޮށް އަރަބި ގައުމުތަކުން އައިއެސްއާ ދެކޮޅު ހަނގުރާމައަށް ހަރަދުކުރާނީ ކިހާ ވަރަކަށްތޯ އިންޓަވިއުގައި ކޮށްފައިވާ ސުވާލަށް ޖަވާބުދެއްވަމުން ކެރީ ވިދާޅުވެފައި ވަނީ އެގައުމުތަކުން ހުޅުވާލެވިފައިވާ ގޮތެއްގައި( އަދަދެއް ކަނޑަ ނާޅައި) އެއްބާރުލަމުން އަންނަ ކަމަށެވެ.
އިރާގާއި ސޫރިޔާއިން ބައެއް ކޮންޓްރޯލް ކުރާ އައިއެސްއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ފެށުމުގެ ކުރިން އެގައުމުން ބުނެފައި ވަނީ އައިއެސްގެ އަގު ވައްޓާލައި އެމީހުން ބަލިކުރާނެ ކަމަށެވެ. އެ ހަނގުރާމައިގައި ސައުދީ އަރަބިއްޔާއާއި ޔޫއޭއީއާއި އެކު ޖުމްލަ 40 ގައުމަކުން ބައިވެރިވެއެވެ.