26 Jan 2011, 15:21
ކަލަންޑަރުގައިވާ ގޮތާ ހިލާފަށް އަންނަ މަހު 6 ވާ އާދީއްތަ ދުވަހާއި 13 ނޮވެމްބަރު 2011ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.
އެ ދެ ދުވަސް ބަންދުވަނީ، ޤައުމީ ދުވަސް ނުވަތަ ޖުމްހޫރީ ދުވަސް، ހުކުރު ދުވަހަކާ ނުވަތަ ހޮނިހިރު ދުވަހަކާ ދިމާވެއްޖެ ނަމަ، ވިދިގެން އަންނަ އާދީއްތަ ދުވަސް ބަންދު ކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 25 މެއި 2000 ގައި ނެރެފައިވާ ދެންނެވުމުން ހަމަޖައްސަވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު ޝާއިޢު ކުރި ދިވެހި ސަރުކާރުގެ ގެޒެޓްގެ ވޮލިއުމް 40ގެ 19 ވަނަ ޢަދަދުގައި ޝާއިޢު ކޮށްފައިވާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ 17 ޖެނުއަރީ 2011ގެ އިޢްލާނާއެކު 2011 ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ލިސްޓްވަނީ ހިމަނުއްވާފަ އެވެ. އެލިސްޓްގައި، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހާއި، ނޮވެމްބަރު މަހުގެ 13 ވަނަ ދުވަސް، އެ ގަވާއިދާ އެއްގޮތަށް ބަންދު ދެ ދުވަހުގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.
ޤައުމީ ދުވަހާއި ޖުމްހޫރީ ދުވަސް އިސްތިސްނާ ކުރައްވާފައިވާ ފަދައިން، ރާއްޖެ އިސްލާމްވި ދުވަސް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 27 ޖޫން 2000 ގައި ނެރުއްވި ދެންނެވުމުން އިސްތިސްނާ ކުރައްވާފަ އެވެ. އެދެންނެވުމުގައި ވަނީ، ރަބީޢުލްއާޚިރް މަހުގެ 2 ވަނަ ދުވަސް، ރަސްމީ ބަންދު ދުވަހަކާ ދިމާވެއްޖެ ނަމަ، އެދުވަހުގެ ބަދަލުގައި، އެދުވަހުގެ ފަހުން އެންމެ ފުރަތަމަ އަންނަ ބަންދު ނޫން ދުވަސް، ރަސްމީ ބަންދު ދުވަހަކަށްވާނެ ކަމަށެވެ.