03 Nov 2014, 19:58
ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ މަސައްކަތަށް ހުސްކުރަން އެންގި ހުޅުމާލޭ ފަޅުގެ ސަރަހައްދުން ސަފާރީތަށް ނެރެން ނުޖެހޭނެ ކަމުގެ ޔަގީންކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ކަމަށް ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން ބުނެފި އެވެ.
ލޭމްގެ ރައީސް އިސްމާއިލް ހަމީދު (އިއްސެ) ވިދާޅުވީ، ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ގޮތުން ހުޅުމާލެ ހުޅަނގުފަރާތު ފަޅު ހުސްކުރަން އެޗްޑީސީން އެންގުމާ ގުޅިގެން އެކަމާ މެދު އެ ކޯޕަރޭޝަނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.
"މަޝްވަރާތަކަށްފަހު އެޗްޑީސީން ވަނީ ހުޅުމާލޭ ފަޅުގައި ތިބެވޭނެ ކަމުގެ ޔަގީންކަން ދީފަ. އަދި ބިންހިއްކުމަށް ބޭނުންކުރާ އުޅަނދު ފަހަރު ފަރުކޮޅުފުއްޓާ ހަމައަށް ގެންދިއުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްވަނީ އެއްބަސްވެފައި،" ލޭމްގެ ރައީސް ވިދާޅުވި އެވެ.
ހުޅުމާލެ ހިއްކުމުގެ ދެ ވަނަ ފިޔަވަހި ފެށުމަށް ގެންނަ އުޅަނދު ފަހަރު ވަދެ ނުކުމެ ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން އެޗްޑީސީން އެންގި އެވެ. އަދި މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ސަރަހައްދުން އުޅަނދުތައް ނުނަގައިފިނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވެސް ވަނީ އަންގާފަ އެވެ.
ނަމަވެސް ސަފާރީތައް އަޅާނެ ވަކިތަނެއް ހަމަޖައްސައިނުދެނީސް އެ ސަރަހައްދުން ނުނިކުންނަން ލޭމް އިން ކުރިން ވަނީ ނިންމާފައެވެ.
އިއްސެ ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލެ ފަޅަކީ ސަފާރީތަކަށް ދާއިމީ ހައްލެއް ނޫން ކަމަށާއި ސަފާރީތަކަށް ދާއިމީ ބަނދަރެއް ހޯދުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރާ މާދަމާ ބައްދަލުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގައި ރަޖިސްޓްރީ ވެގެން 150 އަށްވުރެ ގިނަ ސަފާރީ ރާއްޖޭގައި އޮޕަރޭޓްކުރާއިރު، މިދިޔަ އަހަރުގެ އެކަނިވެސް ޓެކްސްގެ ގޮތުގައި އެ އެސޯސިއޭޝަނުން ފަސް މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް ލޭމް އިން ބުނެ އެވެ.