03 Nov 2014, 19:49
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އާއި ދުންތަރި އާއިލާ އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ހަތްވަނަ ދުންތަރި އިބްރާހިމް މަނިކް މެމޯރިއަލް ޗެމްޕިއަންޝިޕް ސްޕޮންސާ ކޮށްފައިވާ މެގަ މޯލްޑިވްސް އިން ބޭއްވި ލަކީ ޑްރޯ އިން ހަތަރު ނަސީބުވެރި ފަރާތަކަށް ހޮންކޮންގެ ރިޓާން ޓިކެޓު ލިބިއްޖެ އެވެ.
މުބާރާތުގައި ބައިވެރިވި ދެ ފަރާތަކަށާއި ސަޕޯޓަރުންގެ ތެރެއިން ދެ ފަރާތަކަށް ހަވާލު ކުރެވުން އިނާމު ހައްގު ވެރީންގެ ތެރޭގައި ހިމެނެނީ ރޭގެ ފައިނަލް މެޗަށް ހާޒިރުވި ފަރާތްތަކުގެ ތެރެއިން ހޮވުނު ނަސީބުވެރީން ކަމަށް މެގަ މޯލްޑިވްސް އިން ބުންޏެވެ.
ލަކީ ޑްރޯ ދިމާވި ހަތަރު ނަސީބުވެރީންގެ ތެރެއިން އެކަކީ ބިދޭސީ އެއް ކަމަށްވާ ސިންގް ރާވަތު އެވެ. ހޮންކޮން ގެ ޓިކެޓު ލިބޭ އަނެއް ތިން ފަރާތަކީ މުހައްމަދު ލަތީފާއި މަރިޔަމް ޒާރާ އަދި މުހައްމަދު މިމްރާޙު އެވެ.
ރޭގެ މުބާރާތުގެ ފައިނަލް ކާމިޔާބު ކޮށްފައިވަނީ ދިރާގާއި މޯލްޑިވްސް ކަސްޓަމްސް ޓީމެވެ.
ޑިވިޝަން އެކެއްގެ ޗެމްޕިއަން ކަމަށް ދިރާގު އައީ ފައިނަލްގައި ސްޓެލްކޯ ޓީމާއި ވާދަ ކޮށް މޮޅުވެގެންނެވެ. އަދި ޑިވިޝަން ދޭއްގެ ޗެމްޕިއަން ކަމަށް ކަސްޓަމްސް އައީ ފްރެންޑްލީ ޕްލޭޔާސް އާއި ބައްދަލު ކޮށެވެ.
ޑިވިޝަން އެކެއްގެ ދެވަނަ ރަނަރަޕް ޓީމަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެވެ. ދެވަނަ ޑިވިޝަންގެ ދެވަނަ ރަނަރަޕް ޓީމަކީ ހައި ކޮމިޝަން އޮފް އިންޑިޔާ އާއި ސިލްވާ ސޭންޑްސް އެވެ.
ސޯޝަލް ސެންޓަރުގެ ޓީޓީ ހޯލު ގައި ކުރިއަށްގެންދިޔަ އެ މުބާރާތުގައި 17 ޓީމަކުން ބައިވެރި ވެފައިވެއެވެ. އެއީ ސްޓެލްކޯ އާއި ދިރާގު އާއި ބަނޑޮސް އާއި ސިލްވާ ސޭންޑްސް އާއި އައިލެންޑް ވޯޓާ ސްޕޯޓްސް އާއި އެމްބަސީ ޗައިނާއާއި ސިވިލް ސާވިސް ކޮމިޝަން އާއި އެސްޓީއޯ އެވެ. މީގެ އިތުރުން މެގަ މޯލްޑިވްސް އާއި ހައި ކޮމިޝަން އޮފް އިންޑިޔާ އާއި މޯލްޑިވްސް ކަސްޓަމްސް އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ވެސް މުބާރާތުގައި ބައިވެރި ވެފައިވެއެވެ.