03 Nov 2014, 19:32
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ތ. އަތޮޅު ފުޓުބޯޅަ މުބާރާތުގައި އާދިއްތަ ދުވަހު ތ. ތިމަރަފުށީ ފައުންޑޭޝަން ފޯ ޔޫތު އާއި ތ. ވަންދޫ ވިޓްސް ޖަމިއްޔާ ބައްދަލު ކުރި މެޗުގައި ހަމަނުޖެހުން ހިންގައި މެޗު ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ ތިމަރަފުށީ ޓީމާއި އެޓީމުގެ ބައެއް ކުޅުންތެރީން ޖޫރިމަނާކޮށްފި އެވެ.
އެފްއޭއެމުން އިއްޔެ ތިމަރަފުށީ ފައުންޑޭޝަން ފޯ ޔޫތަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެ ޖަމިއްޔާއިން ވަންދޫ ވިޓްސް ޖަމިއްޔާއާ ދެކޮޅަށް ތ. ވޭމަންޑޫގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފުޓްބޯޅަ މެޗުގައި ފައުންޑޭޝަން ފޯ ޔޫތުގެ ކުޅުންތެރީން ކުޅިވަރުގެ ރޫހާ ހިލާފަށް މެޗުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ސަބަބުން މެޗުގެ ފުރިހަމަ ވަގުތު ހަމަ ނުވަނީސް ހުއްޓައިލާން ޖެހިފައިވާތީ، މުބާރާތުގެ ގަވާއިދުގެ 11.4 ވަނަ މާއްދާގެ ދަށުން އެ ޖަމިއްޔާ 7000 ރުފިޔާއިން ޖޫރިމަނާކުރާން ނިންމާފައިވާ ކަމަށެވެ.
އަދި އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު، މުބާރާތުގެ ގަވާއިދުގެ 11.6 ވަނަ މާއްދާގެ ދަށުން އެ މެޗުން 2-0 ލަނޑުން ވަންދޫ ވިޓްސް ޖަމިއްޔާ މޮޅުވިކަމަށް ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމުން ބުނެފައިވެ އެވެ.
އެ މެޗުގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ކީޕަރު އަތުން ދޫވި ބޯޅައެއް ހޯދުމަށްޓަކައި ވަންދޫ ޓީމު ކުޅުންތެރިޔަކު ހޫރާލި ފައި ގޮސް ކީޕަރުގެ މޫނުގައި ޖެހުމުންނެވެ. އެއާއެކު ވަންދޫ ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކުމަށްފަހު ރެފްރީ ވަނީ އެޓީމަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ތިމަރަފުށީ ޓީމުން ވަނީ އިދިކޮޅު ޓީމުން ޕެނަލްޓީ ޖެހުމަށް ހުރަސް އަޅައި މެޗުގެ ބާކީބައި ކުރިއަށް ގެންދިޔަ ނުދީފައެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު ވަނީ ތިމަރަފުށީ ޓީމުގެ އެސިސްޓެންޓު މެނޭޖަރު އަހުމަދު އާސިރު 4،000 ރުފިޔާއިން ޖޫރިމަނާކޮށް ހަތަރު މެޗަށް އޭނާ ސަސްޕެންޑް ކޮށްފައެވެ.
މެޗުތެރޭގައި ހަމަނުޖެހުން ހިންގާފައިވާތީ، ޑިސިޕްލިނަރީ ކޮމެޓީން ވަނީ ތިމަރަފުށީ ޓީމުގެ ޖާޒީ ނަންބަރު 18 އަޙްމަދު ޝަރީފް 6،000 ރުފިޔާއިން ޖޫރިމަނާކޮށް ހަތަރު މެޗަށް ސަސްޕެންޑުކޮށްފައެވެ.
މީގެ އިތުރުން އެޓީމުގެ ޖާޒީ ނަމްބަރު ނުވައެއް އަބްދުﷲ މުނާޒާއި ޖާޒީ ނަމްބަރު 10 ހުސެއިން ސަނާހް މިއިން ކޮންމެ ކުޅުންތެރިއަކު 4،000 ރުފިޔާއިން ޖޫރިމާނާކޮށް ތިން މެޗަށް ސަސްޕެންޑު ކޮށްފައިވާ އިރު ޖޫރިމަނާގެ ފައިސާ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުގެ ކުރިން އެފްއޭއެމްއަށް ދައްކައި ހަލާސްކުރުމަށް ވެސް އަންގާފައި ވެއެވެ.