ރާއްޖެއަށް ދިން އުދުވާނީ ހަމަލާއަށް ނަސްރު ލިބުމުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހަކީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ރަން އަކުރުން ފަވާލެވިގެންދާނެ ދުވަހެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ނޮވެމްބަރު 3، 1988 ގައި ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރު ވައްޓާލުމަށް ދިވެހިންގެ ބަޔަކާ ގުޅިގެން ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ޖަމާއަތުން މާލެއަށް އަރައި ހިންގި އުދުވާނަށް ނަސްރު ލިބުނުތާ 26 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ހިތާބެއްގަ އެވެ.

މުންދުގެ ހިތާބުގައި ވިދާޅުވީ، ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީ ރާއްޖެއަށް ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވި ގާތްކަން އަދި ދެއްވި އަހައްމިއްޔަތަށް ޝުކުރުވެރި ހިތަކުން ބަލައިގަންނަ ކަމަށެވެ. އަދި ކޮންމެ ނޮވެމްބަރު މަހެއްގެ ތިންވަނަ ދުވަހަކީ އިންޑިއާ އާއި ރާއްޖެއާމެދު އޮތް ގާތްކަމާއި އެކުވެރިކަން ރަމްޒުކޮށް ދޭ ދުވަހެއް ކަމަށެވެ.

"...އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ރާޖީވް ގާންދީ ވެދެއްވި އެހީތެރިކަމާއި ބެހެއްޓެވިގާތްކަން އަދި ދެއްވި އަހައްމިއްޔަތުކަން، ޝުކުރުވެރި ހިތަކުން އަޅުގަނޑުމެން ބަލައިގަންނަމު. ކޮންމެ ނޮވެމްބަރު މަހެއްގެ ތިންވަނައަށް އަންނަ ދުވަހަކީ ޝައްކެތްނެތް، އިންޑިޔާ ސަރުކާރުގެ ފަރާތުން ރާއްޖެއާމެދު ދެކޭ ގާތްކަން އަދި ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، ދެޤައުމުގެ ބަދަހިި ގުޅުން ރަންއަކުރުން ފަވާލެވިގެންދާނޭ ދުވަހެއް،" މުންދު ވިދާޅުވި އެވެ.

ނޮވެމްބަރު ތިނެއްގެ ނާޒުކު ޙާލަތުގައި ވެރިކަމުގައި އޭރު ހުންނެވި ރައީސް މައުމޫން ގެންގުޅުއްވި ހިކްމަތްތެރި ކަަމަށް މުންދުގެ ހިތާބުގައި ވަނީ ތައުރީފު ކުރައްވާފަ އެވެ. މުންދު ވިދާޅުވީ، ދުޝްމަނުން ނާކާމިޔާބީއާ އެ ދުވަހު ކުރިމަތިލާން ޖެހުނީ ސިފައިންގެ އިސް ކޮމާންޑަރުގެ ހައިސިއްޔަތުން ބިރުވެރިކަމާއި ނާމަން ކަމަށް ކުއްލި ސިހުމާއެކު ކުރިމަތިލައްވައި ރައީސް މައުމޫން ދެއްވި އިރުޝާދުގެ ސަބަބުން ކަމަށެވެ.

"ބިރުވެރިކަމާއި ނާމަންކަން އަދި ކުއްލި ސިހުމާއެކު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެފަދަ ނާޒުކު ޙާލަތެއްގައި އެމަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރިކަމާއި، އިސް ކޮމާންޑަރުގެ ހައިސިއްޔަތުން ދެއްވަމުން ގެންދެވި އިރުޝާދުތަކުގެ ނަތީޖާއަކީ އިސާހިތަކު ދުޝްމަނުންގެ ސަފުތައް ފަހަތަށްޖެހި ނާކާމިޔާބާ ކުރިމަތިލާން ޖެހުން. މިކަމަށްޓަކައި މި ދިވެހި ފަސްގަނޑަށް އުފަން ދަރިއަކަށްވެހުރެ، ފަޚުރުވެރިކަމާއެކު ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް އަޅުގަނޑު ސެލިއުޓް ކުރަން،" ރައީސް މައުމޫންގެ ތަރުޖަމާންކަން ވެސް ކުރެއްވި މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި، ދުނިޔޭގެ މަޝްރަޙު ހުރި ގޮތުން އަސްކަރީ ޙަމަލާއެއް ބޭރުން މިއަދު ނައިކަމުގައި ވިޔަސް، އެއަށްވުުރެ ނުރައްކާތެރި ހަތިޔާރެއް ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ނަގާލުމަށް ބޭނުން ކުރަމުންދާ ކަމަށެވެ. އެއީ ދަރީންގެ ފިކުުރުތަކާއި ކުޅެލައި އަޤީދާ ބަލިކަށިކޮށްލުމަށް ކުރަމުންދާ ހަނގުރާމައެއް ކަމަށް މުންދު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ރޫޅާލާ ބައިބައިކޮށް، ބަލިކަށިކޮށްލުމަށްޓަކައި ހުއްޓުމެއްނެތި ކުރަމުންދާ ހަނގުރާމަ. އަޅުގަނޑުމެން މައިންބަފައިންނާއި ބެލެނިވެރީން އަދި ޖުމްލަ ގޮތެއްގައި އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލު ނުވެއްޖެނަމަ، މީގެ ސައްބީސް އަހަރު ކުރީގެ ޙަމަލާއިން ނާކާމިޔާބުވީ ފަދަ ދުޝްމަނުން، އަޅުގަނޑުމެންގެ މައްޗަށް ކުުރިހޯދުން އޮންނާނީ މާ ދުރެއްގައެއް ނޫން،" މުންދު ވިދާޅުވި އެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ވަނީ ޝަހީދުކޮށްލާފަ އެވެ.