03 Nov 2014, 17:16
ރޭ ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ ހޫނުގަދަ 'ޑާބީ' މެޗްގައި، މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ ގަޔަށް މެންޗެސްޓާ ޔުނައިޓަޑްގެ މަރުއާނޭ ފެލައިނީ ކުޅުޖެހިކަމަށް ކުރެވޭ ތުހުމަތުތަށް ޔުނައިޓަޑްގެ ކޯޗް ވެން ހާލް ދޮގުކޮށްފި އެވެ.
މިހާދިސާ ހިނގާފައި ވަނީ ޔުނައިޓަޑްގެ ކްރިސް ސްމޯލިންއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލިތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.
ސްމޯލިން ފޮނުވާލުމާ ގުޅިގެން ސިޓީއިން ވަނީ ޔުނަައިޓަޑްގެ ޑިފެންސަށް ވަރުގަދަޔަށް ޕްރެޝާ ކުރަން ފައްޓާފައެވެ. އެގޮތުން ސިޓީއިން އުފައްދަން މަސަތްކަތްކުރި ހަމަލާއެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، ފެލައިނީ ވަނީ ޕެނަލްޓީ އޭރިއާ ތެރޭން އަގުއޭރޯއަށް ޓެކުލްކޮށް ވައްޓާލައިފައެވެ. އެއަށް ފަހު އޭނާ ފެނުނީ ސިޓީއިން ކުރި ޕެނަލްޓީ 'އެޕީލް'އާ ދޭތެރޭ ހިތްހަމަ ނުޖެހި، ވެއްޓިފައި އޮތް އަގުއޭރޯއާ ދިމާލަށް ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރި ތަނެވެ.
މި ހާދިސާއާ ދޭތެރޭ ކޯޗް ވެން ހާލް ބުނެފައި ވަނީ ޓީވީން ދައްކާއިރު ފެންނަނީ ފެލައިނީ އަގުއޭރޯއާ ދިމާލަށް ހަޅޭއްލަވާތަން ކަމަށެވެ. އަދި އޭނާ ބުނެފައި ވާގޮތުގައި، އެގޮތަށް މީހުންނާ ދިމާލަށް ހަޅޭއްލަވާއިރު އަނގައިން ކުޅުކޮޅެއް ނިކުތުމަކީ ވުން އެކަށީގެންވާ ކަމެއްކަމުގައި ވެސް ވެން ހާލް ބުންޏެވެ.
"އޭނާއަކީ ކުޅު ޖަހާނެފަދަ މީހެއް ނޫން،" ކޯޗް ވެން ހާލް ބުންޏެވެ.
އަނެއްކޮޅުން ސިޓީގެ ކޯޗް ޕެލެގްރިނީއަށާއި މެޗުގެ އޮފިޝަލުންނަށް ވަނީ މިހާދިސާ ފާހަގަ ނުވެފައެވެ. ނަމަވެސް އެފްއޭ ވީޑިއޯ ރިވިއު ޕެނަލްއިން އެއީ ފެލައިނީ ގަސްދުގައި ކުރި ކަމެއްކަމުގައި ނިންމައިފިނަމަ، އޭނާއާ ދޭތެރޭ ޑިސިޕްލިނަރީ ފިޔަވަޅު އެޅުން ގާތެވެ.
ރޭގެ މި މެޗުގައި ގިނަ ފައުލްތަކެއް ފެނިފައި ވާއިރު، ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި ދެޓީމްގެ ވާދަވެރިކަމުގެ ވާހަކައަކީ ޔޫރަޕްގެ ފުޓްބޯޅައިގައި މަޝްހޫރު މައުލޫއެކެވެ. ނަމަވެސް މި ސީސަންގެ ފެށުން ޔުނައިޓަޑަށް އެހާ ރަނގަޅު ކުރެވިފައި ނުވާކަމުން، އެޓީމަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
ލީގް ތާވަލްގައި ހަތް ޕޮއިންޓުގެ ބޮޑު ތަފާތަކާއެކު، ސިޓީ މުޅި ޖުމުލަ 20 ޕޮއިންޓާއެކު ތިންވަނައިގާ އޮތް އިރު، ޔުނައިޓެޑް އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނައިގައެވެ.