ރާއްޖޭގައި އިސްލާމީ ދައުވަތު ކުރިއެރުވުމަށް މަސައްކަތް ކުރާ މީހުން ތަމްރީން ކުރުމާ ބެހޭ ވޯކްޝޮޕެއް ޖަމިއްޔަތުލް ސަލަފުން މިއަދު ފައްޓައިފި އެވެ.

އެ ޖަމިއްޔާގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސޮބާހު މިއަދު "ސަން" އަށް ވިދާޅުވީ އެ ވޯކްޝޮޕަކީ ރާއްޖޭގައި ދީނީ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ ވޯކްޝޮޕެއް ކަމަށާއި އެ ވޯކްޝޮޕްގެ ބޭނުމަކީ އިސްލާމީ ދައުވަތު ފޯރުކޮށް ދިނުމަށް މަސައްކަތް ކުރާ ރާއްޖޭގެ އެކި އެކި ދީީނީ ޖަމާއަތްތަކުގެ މީހުން ތަމްރީން ކުރުން ކަމަށެވެ.

"މި ވޯކް ޝޮޕްގައި ދީނީ ކަންކަން އާއްމުންނާ ހިއްސާ ކުރާއިރު އެންމެ އިންފުލުއެންސިވް ގޮތްތަކަކީ ކޮބައި ކަމާއި ދީނީ ކަންކަމުގައި އަމަލު ކުރަންވީ ގޮތްތަކާ ބެހޭ މައުލޫމާތުތައް ދެއްވާނެ. އަދި މި ވޯކްޝޮޕްގައި މައުލޫމާތު ދެއްވާ ދެ ބޭފުޅުން (ގްރީން އަދި ބިލާލް ފިލިޕްސް)ގެ ތަޖުރިބާތައް ބައިވެރިންނާ ހިއްސާކޮށް، ބައިވެރިންނަށް ދީނީ ކަންކަމާ ގުޅޭ ސުވާލުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ސޮބާހު ވިދާޅުވި އެވެ.

ޖަމިއްޔަތުލް ސަލަފުން މިއަދު ބޭއްވި ވޯކް ޝޮޕްގެ ތެރެއިން -- ސަން ފޮޓޯ ޔޫސުފް ސޮއްފާނު

ޖަމިއްޔަތުލް ސަލަފުން އިސް ނަގައިގެން ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ޖަމާއަތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ވޯކްޝޮޕްގައި ބައިވެރިންނަށް މައުލޫމާތު ދެއްވާނީ އިނގިރޭސިވިލާތުގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމުގައިވާ ޢަބުދުއްރަޙީމް ގްރީންގެ އިތުރުން ކެނެޑާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލު ފިލިޕްސް އެވެ.

އެ ވޯކްޝޮޕްއަކީ ޖަމްއިއްޔަތުލް ސަލަފުން "ދަކޯލް"ގެ ނަމުގައި ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދާ ވޯކްޝޮޕް އެކެވެ. އެ ވޯކްޝޮޕްގައި މާލޭގެ އިތުރުން އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ދ. ކުޑަހުވަދޫގެ އަދި ކ. ގުރައިދޫގައި ހަރަކާތްތެރިވާ އަށް ދީނީ ޖަމާއަތަކުން 72 މީހަކު ވަނީ ބައިވެރިވެފަ އެވެ.

މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ފަށައިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕް މިރޭ 10:00ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ސަލަފުން ބުންޏެވެ.