03 Nov 2014, 17:07
ދުނިޔޭގެ އެއް ނަންބަރު ޓެނިސް ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗް ބީއެންޕީ ޕެރިސް މާސްޓާސް ޓެނިސް މުބާރާތް ކާމިޔާބުކޮށްފި އެވެ.
ފްރާންސްގެ ޕެރިހުގައި ރޭ ނިމުނު މާސްޓާސް މުބާރާތް ޖޮކޮވިޗް ކާމިޔާބުކުރީ ފައިނަލުގައި ކެނެޑާގެ މިލޯސް ރައުނިޗް އާ ވާދަކޮށް 6-2 އަދި 6-3 ން ކުރިހޯދައިގެންނެވެ.
ސީޒަންގައި ކާމިޔާބުކުރި ފަސްވަނަ މުބާރާތާއެކު ޖޮކޮވިޗްވަނީ އޭޓީޕީ ފިރިހެން ރޭންކިންގައި އެއްވަނަ ކުޅުންތެރިއާގެ ގޮތުގައި ލީޑު ފުޅާކޮށްފައެވެ. އެއްވަނަ ރޭންކް ގައި އަހަރު ނިންމާލަން ދެން ޖޮކޮވިޗަށް ބޭނުންވަނީ ތިން މޮޅެވެ. އަންނަ ހަފްތާގައި ފަށާ ސީޒަންގެ ފަހު މުބާރާތް ކަމަށްވާ ބާކްލޭސް ފައިނަލްސްގެ ކުއާޓާ ފައިނަލްސް އާ ހަމައަށް ޖޮކޮވިޗަށް ދެވިއްޖެނަމަ އޭނާ އަހަރު ނިންމާލާނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިއާގެ ގޮތުގައެވެ.
ފައިނަލް މެޗުގެ ކުރީކޮޅު ރައުނިޗްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަނަމަވެސް އެ ފެންވަރުގައި މާގިނައިރުވަންދެން ނުކުޅުވުނެވެ. ޖޮކޮވިޗް މި މުބާރާތް ކާމިޔާބު ކުރީ އެއްވެސް ސެޓަކުން ބަލިނުވެއެވެ. އެއީ އޭނާގެ ޓެނިސް ކެރިއަރުގައި ކާމިޔާބުކުރީ 20 ވަނަ މާސްޓާސް މުބާރާތެއެވެ. މި ސީރީސްގެ މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ސްޕެއިންގެ ރަފޭލް ނަޑާލް އެވެ. އޭނާ މިހާތަނަށް 27 މުބާރާތް ކާމިޔާބުކޮށްފައިވާއިރު އޭނާގެ ފަހަތުން ދެވަނައިގައި އޮތީ 23 މުބާރާތް ކާމިޔާބުކޮށްފައިވާ ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އެވެ.
ޓެނިސް ސީޒަން އަންނަ ހަފްތާގައި ނިމޭއިރު އަހަރުގެ އެންމެ ފަހު މުބާރާތުގެ ޑްރޯ މިރޭ ލަންޑަންގައި އޮންނާނެއެވެ. މި މުބާރާތުގައި ވާދަކުރަނީ އޭޓީޕީ ރޭންކިންގެ އެންމެ ކުރީގައި އުޅޭ އަށް ކުޅުންތެރިންނެވެ. ދެ ގްރޫޕަށް ބަހާލައިގެން ކުޅޭއިރު ސެމީއަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެކުޅުންތެރިންނެވެ.