ފޯމިއުލާ ވަން ވޯލްޑް ޗެމްޕިއަންޝިޕްގެ ޔުނައިޓެޑް އޯޕަން ގްރޭންޑް ޕްރީ އިނގިރޭސިވިލާތުގެ ލެވިސް ހެމިލްޓަން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ނިމުނު ފޯމިއުލާ ވަން ސީޒަންގެ 18 ވަނަ ރޭސް މާސޭޑްސް ރޭސިންގެ ޕްލޭޔަރު ހެމިލްޓަން ކާމިޔާބުކުރީ ދެވަނައަށް ދިޔަ ޖަރުމަނުގެ ނިކޯ ރޯސްބާގް އާއި ތިންވަނައަށް ރޭސް ނިންމި އޮސްޓްރޭލިއާގެ ޑެނިއެލް ރިކާޑޯ އާ ވާދަކޮށްގެންނެވެ. ހެމިލްޓަން ރޭސް ނިންމައިފައިވަނީ އެއް ގަޑި އިރާއި 40 މިނިޓުންނެވެ.

މިއީ ސީޒަންގައި ހެމިލްޓަން ކާމިޔާބުކުރި 10 ވަނަ ރޭހެވެ. އަދި ޖެހިޖެހިގެން ކާމިޔާބުކުރި ފަސްވަނަ ރޭހެވެ.
ސީޒަންގައި މިހާތަނަށް 17 ރޭސް ނިމިފައިވާއިރު ވޯލްޑް ރޭންކިންގެ އެންމެ ކުރީގައި ހެމިލްޓަން ވަނީ ދެވަނައިގައި އޮތް ރޯސްބާގަށް ވުރެ 24 ޕޮއިންޓްގެ ލީޑެއް ނަގާފަ އެވެ.

ފޯމިއުލާ ވަން ސީޒަންގައި ދެން ބާކީ އޮތީ ދެ ރޭހެކެވެ. އެއީ މި މަހު ނުވައެއްގައި ފަށާ ބްރެޒިލިއަން ގްރޭންޑް ޕްރީ އާއި 23 ގައި ފަށާ ސީޒަންގެ އެންމެ ފަހު ރޭސް ކަމަށްވާ އަބޫދާބީ ގްރޭންޑް ސާކިއުޓް ޕްރީ އެވެ. މި ދެމުބާރާތުގައި 29 އަހަރުގެ ހެމިލްޓަން ރަނގަޅު ނަތީޖާތަކެއް ނެރެފިނަމަ މިއަހަރުގެ ވޯލްޑްް ޗެމްޕިއަންކަން އޭނާއަށް ލިބޭނެ އެވެ.

ރޭސް ނިންމުމަށްފަހު ހެމިލްޓަން ބުނީ ޖެހިޖެހިގެން މިހާގިނަ މުބާރާތްތައް ކާމިޔާބު ކުރެވުމުން ވަރަށް އުފާވާ ކަމަށާއި ބޭނުންވަނީ ސީޒަންގައި ބާކީ އޮތް ދެ ރޭސްވެސް ކާމިޔާބުކޮށް ޗެމްޕިއަންގެ ގޮތުގައި އަހަރު ނިންމާލަން ކަމަށެވެ. އަދި އޭނާގެ ޓީމްގެ ފަރާތުން ލިބެމުން އަންނަ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށާއި ސީޒަންގައި އޭނާ އާއި އެންމެ ކައިރިން ވާދަކުރަމުން އަންނަ ނިކޯ ރޯސްބާގް އަކީ މޮޅު 'ރޭސާ' އެއް ކަމަށް ވެސް ހެމިލްޓަން ބުންޏެވެ.