03 Nov 2014, 16:48
ރާއްޖޭގައި ގެދޮރު އިމާރާތް ކުރުމަށް ހިންގާ މަޝްރޫއުތަކާއި އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް ދެކުނު ކޮރެއާ އިން ޓެކްނިކަލް އެހީ ދޭނެ ކަމަށް އެ ގައުމުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން މިއަދު ބުނެފި އެވެ.
މި މަހު 3 އިން 5 އަށް ސައުތް ކޮރެއާގެ ސޯލްގައި އޮންނަ "ފަސް ވަނަ އޭޝިއާ ޕެސިފިކް މިނިސްޓްރިއަލް ކޮންފަރެންސް އޮން ހައުސިންގް އެންޑް އާބަންް ޑިވަލޮޕްމަންޓް" ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައި އުޅުއްވަމުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު މިއަދު ސަން އަށް ވިދާޅުވީ ރާއްޖޭގައި ހިންގާ ގެދޮރު އިމާރާތް ކުރުމާއި އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށް ކޮރެއާގެ ޓެކްނިކަލް ސަޕޯޓް ދެއްވާނެ ކަމަށްް އެ ގައުމުގެ ލޭންޑް އިންފްރާސްޓްރަކްޗާ، އެންޑް ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
އޭޝިއާ ޕެސިފިކް މިނިސްޓްރިއަލް ކޮންފަރެންސަކީ 2006 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮންފަރެއްސެކެވެ. އެ ކޮންފަރެއްސަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް ކުރިއަށް ގެންދިއުމަށް ބާރު އެޅުމުގެ ގޮތުންނާއި ދެމެހެއްޓެނިވި ތަރައްގީ ހޯދޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާތައް ކުރުމަށް ބާއްވަމުން އަންނަ ބައްދަލުވުންތަކެއް ކަމަށެވެ.
އެ ބައްދަލުވުމުގެ މި އަހަރުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްޤީއަށް ހަމަހަމަ ފުރުސަތު" އެވެ.