26 Jan 2011, 15:06
އިމިގްރޭޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާ 500 މިލިއަން ރުފިޔާގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީ، އެނިންމުމަށް އަމަލުކުރުމުގެ ގޮތުން އެ ޕްރޮޖެކްޓް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަންގަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މެލޭޝިޔާގެ ނެކްސްބިޒް ކުންފުންޏާ ހަވާލުކޮށްގެން އިމިގްރޭޝަނުން ކުރިއަށްގެންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލުމަށް އަންގަވައި، ކޮންޓްރޯލޯ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އިލްޔާސް ހުސެއިން އިބްރާހިމަށް ރައީސް ނަޝީދު މިއަދު ނޯޓެއް ފޮނުއްވާފައިވާ ކަމަށެވެ.
"ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ފޮނުއްވި ނޯޓުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ، ޤާނޫނީ ބާރުލިބިދީފައިވާ މިނިވަން މުއައްސަސާއަކަށްވުމާ އެކު، އެ މުއައްސަސާއަށް ސަރުކާރުގެ ހުރިހާ އިދާރާތަކަކުން ވެސް އިޚްތިރާމްކުރައްވަންވާނެ ކަމަށް ]ރައީސް[ ވިދާޅުވެފައިވެ އެވެ. އަދި ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފި ނަމަ، އެ ކޮމިޝަނުން އެންގެވި ގޮތަކަށް އެ އިދާރާއަކުން ވަގުތުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2010 އޮކްޓޯބަރު 21 ގައި ނެރުއްވި 62 ނަންބަރު ދެންނެވުމުން އަންގަވާފައިވާނެ ކަމަށްވެސް ]ރައީސް[ ވިދާޅުވެފައި ވެއެވެ." ރައީސް އޮފީހުގެ ވެބްސައިޓުގައި ވެއެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބެލެވޭތީ ބޯޑާ ކޮންޓްރޯލާ ޕްރޮޖެކްޓް އިތުރަށް ކުރިއަށް ނުގެންދިއުމަށް އޭސީސީން އެންގުމާ ގުޅިގެން ކޮންޓްރޯލާ އިލްޔާސް އިއްޔެ ވިދާޅުވީ، "ރައީސް ނަޝީދު ވަކި ގޮތަކަށް އަމަލުކުރަން ނާންގަވާހާ ހިނދަކު" އެ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓު ހުއްޓާލުމަށް އޭސީސީ އަށް ނޭންގޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އިމިގްރޭޝަނުން ވަނީ މިއަދު އެ ޕްރޮޖެކްޓް ހުއްޓާލައިފަ އެވެ.