04 Apr 2010, 10:00
10:00
ނުވަ މީހުންނާއެކު ވިލިމާލޭން ފުރައިގެން ތ. ކަނޑޫދޫއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ވާދޫ ފަރަށް އަރައި، އެ ދޯނިން ތަންގަނޑެއް ފަޅައިގެން ގޮސް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާދިސާ ހިނގީ ރޭ އިރާކޮޅުގެ ވަގުތެއްގައި "ނޫރު' ނަމަކަށް ކިޔާ އެ ދޯނި ދަތުރުކުރަމުން ދަނިކޮށް، އޮއިވަރު ގަދަވެގެން ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ވާދޫގެ ހުޅަނގު ފަރާތު ފަރުގައިޖެހިގެން ކަމަށެވެ. އަދި އެ ހާދިސާގެ މައުލޫމާތު ކޯސްގާޑަށް ލިބިފައިވަނީ ރޭ 8:30 ހާއިރު ކަމަށާއި އެމައުލޫމާތު ލިބުމާއެކު އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްގާޑުގެ ދެ ލޯންޗެއް އެސަރަހައްދަށް ގޮސްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޯސްގާޑުގެ ލޯންޗް ވާދޫ އެސަރަހައްދަށް ދިޔައިރު ދޯނިން ދަތުރުކުރި ނުވަ މީހުން ވަނީ ވާދޫ ރިސޯޓްގެ ލޯންޗެއްގައި ވާދޫއަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ. އަދި އެ ދޯނީގެ ބައެއް ސާމާނު ދެފެން ދޭތެރޭގައި ހުރެދާނެ ކަމަށް ބަލާ ކޯސްޓްގާޑުން އެސަރަހައްދު ބަލަމުން އަންނަ ކަމަށާއި އެދޯނި ފުންކުރުމުގެ މަސައްކަތްވެސް ކޯސްޓްގާޑާއި ދޯނީގެ ވެރިފަރާތާއި ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ކޯސްޓްގާޑުން ބުނެ އެވެ.
މިދޯނީގެ ބައެއް ސާމާނު ދެފެން ދޭތެރޭގައާއި ފެންމަތީގައި އޮޔާދެމުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވުމަށް ޓަކައި އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެކަމަށް ސަމާލުކަންދީގެން އެސަރަހައްދުން ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރެ އެވެ.