ފްޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގާ ގޮތާ މެދު ހިތްހަމަނުޖެހިގެން އެ ސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ދެ މެމްބަރަކު އިއްޔެ އިސްތިއުފާ ދެއްވައިފި އެވެ.

ނަން ހާމަ ކުރުމަށް އުޒުރުވެރުވެރިވެ، ސަން އަށް ވާހަކަ ދެއްކެވި އެފްއޭއެމްގެ އޮފިޝަލު މިއަދު ވިދާޅުވީ ހިންގާ ކޮމެޓީ އިސްތިއުފާ ދެއްވީ މުހައްމަދު ވިޝާމް އާއި ނޫހު އަލީ ކަމަށެވެ.

"ވިޝާމް އާއި ނޫހު ވަނީ އެފްއޭއެމް އަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައި. އެ ދެ މެންބަރުން އިސްތިއުފާ ދެއްވުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތާމައެއް. އެ ދެ މެންބަރުން ކޮށްދީފައިވާ ހިދުމަތްތަކަށް އެފްއޭއެމްގެ ފަރާތުން ނިހާޔަތަށް ޝުކުރު އަދާކުރަން،" އެފްއޭއެމްގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ދެމެންބަރުން އެފްއޭއެމްގެ އެކްސްކޯ އިން އިސްތިއުފާ ދެއްވުމުން ހިންގާ ކޮމެޓީގައި ދެން ތިއްބަވާނީ ރައީސް އިލްހާމް އަހުމަދާއި ނައިބު ރައީސް އަބްދުލް މުހުސިނު ހަމީދު (ޖޭފޯ) އާ އެކު އިތުރު ތިން މެންބަރުންނެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން ހިންގާ ކޮމެޓީ އިން މެމްބަރަކު ވަކިވެއްޖެ ނަމަ އެ މަގާމަށް މެންބަރުން އައްޔަނު ކުރުމަށް އެފްއޭއެމް ކޮންގްރެސްގެ ހާއްސަ ބައްދަލުވުމެއް ބާއްވަން ޖެހެ އެވެ. އަދި އަސާސީ ގަވާއިދުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ އެގްޒެކެޓިވް ކޮމިޓީގެ ދެ މެމްބަރަކު އިސްތިއުފާ ދީފި ނަމަ ނުވަތަ މަގާމެއްގައި ތިބި މެމްބަރުން ދާއިމީ ގޮތަކަށް އެ މަގާމު ނުފުރޭ ގޮތް ދިމާވެއްޖެ ނަމަ ހުސްވެފައިވާ މަގާމަށް މެމްބަރުން އިންތިހާބުކުރުމަށް ކޮންގްރެހުގެ ހާއްސަ ޖަލްސާއެއް ބާއްވަން ޖެހޭނެ ކަމަށެވެ.

އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން އެ ދެ މެންބަރުން އިސްތިއުފާ ދެއްވާފައި މިވަނީ، އެފްއޭއެމްގެ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ކްލަބް އީގަލްސް އިން އެ މުއައްސަސާގެ ރައީސް އާއި ނައިބު ރައީސްއާ މެދު އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ހުށައަޅާފައިވާ ދަނޑިވަޅެއްގަ އެވެ.