03 Nov 2014, 14:45
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ލ. އަތޮޅު ފުޓުބޯޅައިން މާބައިދޫ އިސް ދަރިވަރުންގެ ގުޅުމާއި ފޮނަދޫ ޒުވާނުންގެ ގުޅުން މުބާރާތުގެ ފައިނަލަށް ގޮސްފި އެވެ.
މުބާރާތުގެ ފައިނަލަށް މާބައިދޫ ޓީމު ދިޔައީ ސެމީ ފައިނަލްގައި މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ބައްދަލުކޮށް 0-1 ލަނޑުން މޮޅުވެގެންނެވެ. މާބައިދޫގައި ކުޅުނު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މާބައިދޫ ޓީމުގެ ސަން ނަވާޒެވެ.
ކުނަހަންދޫގައި ކުރިއަށް ގެންދިޔަ ސެމީ ގެ ދެވަނަ މެޗުގައި ފޮނަދޫ ޓީމާއި ބައްދަލު ކުރީ އިސްދޫ އަމާޒް ޖަމިއްޔާ އެވެ. ފޮނަދޫ ޓީމުން އެ މެޗު ކާމިޔާބު ކުރީ 2-1 ލަނޑުންނެވެ.
މުބާރާތުގެ ފައިނަލް މާދަމާ ކުޅޭ އިރު މި މެޗު ކުޅެން ހަމަޖެހިފައި ވަނީ މާބައިދޫ ދަނޑުގަ އެވެ. ފައިނަލަށް ދިޔަ ދެ ޓީމު ވެސް ޒޯން މުބާރާތައް ކޮލިފައި ވާނެ އެވެ.
ނުވަ ޓީމެއް ބައިވެރިވެފައިވާ އެ މުބާރާތް ފެށުނީ މިދިޔަ މަހުގެ 22 ގައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގެ ގްރޫޕް 'އޭ'ގެ މެޗުތައް ކުރިއަށްދިޔައީ މާބައިދޫގަ އެވެ. އަދި ގްރޫޕު 'ބީ'ގެ މެޗުތައް ކުޅެފައިވަނީ އެ އަތޮޅުގެ ކުނަހަންދޫގަ އެވެ.
ގްރޫޕު އޭ ގައި ހިމެނެނީ މަތިމަރަދޫ ޒުވާނުންގެ ޖަމިއްޔާ އާއި އިސްދޫ އަމާޒު ޖަމިއްޔާ އާއި މާބައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ގަން ތުނޑި ސޮސައިޓީ ފޯ ތުނޑި އެޑްވާންސްމެންޓް އެންޑް ރިކްރިއޭޝަން ކްލަބެވެ.
ގްރޫޕް ބީ ގައި ހިމެނެނީ މުކުރިމަގު ޒުވާނުންގެ ޖަމިއްޔާ އާއި ފޮނަދޫ ޒުވާނުންގެ ޖަމިއްޔާ އާއި މާމެންދޫ ޔުނައިޓެޑް އަދި މާވަށު ޒުވާނުންގެ ގުޅުމެވެ.