03 Nov 2014, 13:25
ގެއްލިގެން އުޅުނު ކ. ގުރައިދޫގައި އޯލެވެލް ޓެސްޓް ޕޭޕަރުތައް ރައްކާކޮށްފައި ހުރި ތިޖޫރީގެ ތަޅުދަނޑި އާއި އެ ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރީގެ ތަޅުދަނޑި ފެނިއްޖެ އެވެ.
ގުރައިދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ހުސެއިން ހަބީބު މިއަދު "ސަން" އަށް ވިދާޅުވީ އެ ތަޅުދަނޑި ފެނުނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އެ ތަޅުދަނޑި ފެނުނީ އެ ސްކޫލްގެ އިސްލާމް މުދައްރިސްގެ ގޭ ކައިރިން ބޯޅަ ކުޅެން ދިޔަ އުމުރުން 9 އަހަރުގެ ކުޑަ ކުއްޖަކަށް ކަމަށެވެ.
އެ ކުއްޖާ އެ ތަޅު ދަނޑި ނަގައިގެން ކުޅެމުން ކުޅެމުން ގޮސް ބޯޅަ ދަނޑަށް އެއްލާލީ ކަމަށާއި ނަމަވެސް އެ ތަޅުދަނޑި ގެއްލިގެން އުޅޭކަން އެނގިގެން އޭނާ އޭތި ހޯދައިގެން ގޮސް އިސްލާމް ޓީޗަރާއި ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިސްލާމް ޓީޗަރުގެ އަތުން ތަޅުދަނޑި އޭގެ ކައިރިއަށް ވެއްޓިފައި އޮއްވާ ފެނުނީ މިރަށު ކުއްޖަކަށް. އޭނާ އެ ތަޅުދަނޑި އަތަށް ލައިގެން ބޯޅަދަނޑަށް އެއްލާލި ކަމަށް ވަނީ. ނަމަވެސް އޭތި ގެއްލިގެން އުޅޭކަން އެކުއްޖާ އަށް އެނގިގެން ތަޅުދަނޑި ހިފައިގެން އައިސް ހަވާލުކުރީ،" ހަބީބް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ ތަޅުދަނޑި ފެނިގެން ޕަބްޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންގެ (ޑީޕީއީ) އަށާއި ފުލުހުންނަށް އެ ކަން އެންގުމުން އެ ބޭފުޅުން ވަޑައިގެން ތިޖޫރީ ބަހައްޓާފައި ހުރި ކޮޓަރި ހުޅުވުމަށް ފަހު، ޕޭޕަރުތައް ގުނާ ހަދާފައިވާ ކަމަށެވެ. އަދި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުރައިދޫ ސްކޫލްގައި ހުރި އެ ތިޖޫރީގެ ތަޅުދަނޑި ގެއްލުނީ މިއަހަރުގެ އޯލެވެލް އިމްތިހާންގެ އިނގިރޭސި މާއްދާގެ އިމްތިހާން ބޭއްވުމަށް ހަމަޖައްސާފައި އޮތް ދުވަހު ދިމާކޮށް އޭގެ ކުރިން ރެ އެވެ. ނަމަވެސް ޑީޕީއޭ އިން ގުރައިދޫ އަށް އަލުން ޕޭޕަރު ފޮނުވުމުން އެ ދުވަހު ޓެސްޓަށް އެއްވެސް ބުރުލެއް އަރާފައެއް ނުވެ އެވެ.