އުމުރުން 65 އަހަރު ވެފައިވާ ފަރާތްތަކުގެ ތެރެއިން އެނދުމަތިވެފައިވާ މުސްކުޅިނަށް ގޭގައި ތިބެގެން ފަރުވާދިނުމުގެ ނިޒާމް ގާއިމް ކުރުމަށް ލޯ އެންޑް ޖެންޑާ މިނިސްޓްރީގެ ފަރާތުން ތައާރަފުކޮށްފައިވާ ޚިދުމަތަށް މިހާތަނަށް 20 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރު ހަފީޒާ އަލީ މިއަދު "ސަން" އަށް ވިދަޅުވީ ގޭގޭގައި ތިބެގެން ފަރުވާ ހޯދުމަށް އެދި ހުށައަޅާ ފަރާތްތަކަށް ދޭ ޚިދުމަތަށް އެދިފައިވާ ފަރާތްތަކަށް މި ހަފްތާގެ ތެރޭގައި އެސެސްމަންޓް ހަދަން ފަށާނެ ކަމަށެވެ. އޭގެ ބޭނުމަކީ އެ މީހުން ބޭނުންވަނީ ކޮންކަހަލަ ޚިދުމަތެއްތޯ ސާފުކުރުން ކަމަށް ހަފީޒާ ވިދާޅުވި އެވެ.

"އެ ހިދުމަތަށް މިހާރު 20 ވަރަކަށް މީހުން އެދިފައިވޭ. މީގައި ހިމެނެނީ ހަމައެކަނި ނަރުހުން ހޯދުމެއް ނޫން. އެމީހުންނަށް ބޭނުންވާ އެހެނިހެން މައުލޫމާތުތައް ވެސް އެ ޚިދުމަތުގެ ދަށުން ފޯރުކޮށްދޭނެ. މި ހަފްތާތެރޭގައި އެ މީހުން ބޭނުންވަނީ ކޮން ކަމެއްތޯ ބެލުމަށް އެސެސްމަންޓެއް ހަދާނަން،" ހަފީޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެނދުމަތިވެފައިވާ އުމުރުން ދުވަސްވީ މީހާ ބޭނުންވަނީ ގޭގައި އޮވެގެން މަހަކު އެއްފަހަރު ހަދަން ޖެހޭ ލޭގެ ޓެސްޓެއް ނުވަތަ އެފަދަ އެހެން ކަމެއްނަމަ އެ ޚިދުމަތަކަށް އެދި އޭނާ ޖެންޑާ އަށް ހުށަހަޅާ ފޯމުގައި އެކަން ބަޔާން ކުރާނެ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން އެނދުމަތިވެފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމް ގާއިމްކުރުމުގެ މަގްސަދަކީ، ބަލިހާލު ބޮޑުވުމުގެ ސަބަބުން ނުވަތަ އުމުރުން ދުވަސްވުމުގެ ސަބަބުން ހިދުމަތް ދޭ ތަންތަނަށް އައުމުގެ ބަދަލުގައި ގޭގައި ތިބެގެން ފަރުވާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުން ކަމަށެވެ.

އެ ހިދުމަތް ލިބޭނީ ހިދުމަތައް އެދި ހުށައަޅާ ފަރާތްތަކަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ. އެގޮތުން އޮކްޓޯބަރު މަހު 14 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތައް އެދި ފޯމް ހުށަހަޅަން ޖެންޑާ މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.