03 Nov 2014, 13:07
ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމާއި ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން އެހީއަށްއަށް ހުށައަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަތުރު ހަމަވާ ދަރިވަރުންގެ ނަންތައް އިއުލާންކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވާލި ޓާޝަރީ ސްޓޫޑަންޓް ލޯން ސްކީމާއި ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމަށް ކުރިމަތިލާފައިވާ ދަރިވަރުންގެ މައުލޫމާތު، އެންޓާކޮށް ޝަރުތުހަމަވާ ދަރިވަރުންގެ ނަންތައް އެ ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އިއްޔެ ޝާއިއުކޮށްފައިވާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޓާޝަރީ ސްޑޫންޓެންސް ލޯން ސުކީމަށް މިފަހަރު 370 ކުދިން ކުރިމަތިލާފައިވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ، އެ ލިސްޓާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތްނަމަ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އެ ޑިޕާޓްމަންޓަށް އެކަން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާތީ، ދަރިވަރުންނަށް މިހާރު ލިބިފައިވާ ޕޮއިންޓަށް ކޮންމެ ވެސް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ.
ލޯން ދިނުމުގެ އުސޫލުގައި ބަޔާންކުރެވިފައިވާ ގޮތުން މިފަހަރު ލޯން ދިނުމުގައި އޭލެވެލް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ޕޮއިންޓް އެންމެ މަތިން ލިބޭ ދަރިވަރުންނަށް އިސްކަންދޭނެ އެވެ.
މިފަހަރު ޓާޝަރީ ލޯން ސުކީމްގެ ދަށުން ރާއްޖޭގައި ތިބެގެން މަތީތަޢުލީމު ހާސިލު ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 125 ދަރިވަރުންނަށެވެ. އަދި ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް މިފަހަރު ހުޅުވާލާފައި ވަނީ 105 ފުރުސަތެވެ.
އެގޮތުން ރާއްޖޭގައި ތިބެގެން މަތީތަޢުލީމު ހާސިލު ކުރުމުގެ ފުރުސަތަށް 122 ދަރިވަރަކު ކުރިމަތިލާފައިވާއިރު، ރާއްޖެ އިން ބޭރުން މަތީ ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތަށް ކުރިމަތިލާފައިވަނީ 139 ދަރިވަރުންނެވެ.
ސްޓޫޑަންޓް ލޯނުގެ ދަށުން ރާއްޖޭގައި ޑިގްރީ ހަދަން ހުޅުވާލި ދިހަ ފުރުސަތަށް 86 ދަރިވަރުން ޝަރުތު ކުރިމަތިލާފައިވާއިރު، ރާއްޖޭން ބޭރުގައި ކިޔެވުމަށް ހުޅުވާލި ދިހަ ފުރުސަތަށް ޝަރުތު ހަމަވެފައިވާ 21 ކުދިން ކުރިމަތިލާފައިވެ އެވެ.