03 Nov 2014, 12:56
ގދ. ހޯޑެއްދޫގެ ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހޯޑެއްދޫގެ ސިއްހީ މަރުކަޒުގައި ހުރި ތިޖޫރީއެއް ވަގަށް ނަގާފައިވާ ކަމަށް ބުނެ މިއަދު ހެނދުނު 8:30ގައި ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.
ހޯޑެއްދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުލް މުހައިމިން މިއަދު "ސަން" އަށް ވިދާޅުވީ ހޯޑެއްދޫ ސިއްހީ މަރުކަޒުގައި ހުރި ތިޖޫރީ ވަގަށް ނަގާފައި ވަނީ ސިއްހީ މަރުކަޒުގެ އޮފީސް ބައިގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެން އެތެރެ އަށް ވަދެ ކަމަށެވެ.
"ތިޖޫރީ ވަގަށް ނެގި ކަން އެނގުނީ މިއަދު ހެނދުނު ސިއްހީ މަރުކަޒު ހުޅުވަން ދިޔަ އިރު ތިޖޫރީ ބަހައްޓާފައި ހުރި ބައިގެ ކުޑަ ދޮރެއްގެ އަރި މައްޗަށް އެއްޗެއް ލައްވައި، ދޮރު މަތާލާފައި ހުރުމުން އޮފީސް ޗެކްކުރީމަ،" މުހައިމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިޖޫރީގައި ހުންނާނީ މިވަގުތު ޗުއްޓީއެއްގައި ހުރި އެތަނުގެ މުވައްޒަފެއްގެ މުސާރަ އާއި ސިއްހީ މަރުކަޒުގެ ޕެޓީ ކޭޝް ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 7،000 ވަރަކަށް ރުފިޔާ ކަމަށެވެ.
އެެ ރަށު ސިއްހީ މަރުކަޒުގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ ސިއްހީ މަރުކަޒު ބަންދުކޮށްފައި ހުރި ވަގުތެއްްގަ އެވެ. އެތަން ހުޅުވާފައި ހުންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން މެންދުރު ފަހުު 3:00 ގެ ނިޔަލަށެވެ.