03 Nov 2014, 12:50
ގައުމުގައި އޮތް ސުލްޙަ މަސަލަސް ކަމާ އަމާންކަން ނަގާލަން އެކި ސިފަ ސިފައިގައި ބަޔަކު ކުރަމުންދާ މަސައްކަތުގައި ފިސާރި ސާބިތުކަމާއެކު ހޭލައި ނުތިބެއްޖެނަމަ މިއަދު ލިބިފައިމިވާ ނަސްރާއި ކާމިޔާބީ ގެއްލި ހިނގައިދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަސްރުގެ ދުވަހާއި ގުޅިގެން ސީޕީ ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ނަސްރުގެ ދުވަސް ފާހަގަކުރާއިރު ވެސް ފެންނަމުންދަނީ ގައުމުގައި އޮތް ސުލްޙަ މަސަލަސް ކަމާ އަމާންކަން ނަގާލުމަށް އެކި ސިފަ ސިފައިގައި މަސައްކަތް ކުރަމުން ގެންދާ މަންޒަރު ކަމަށެވެ. އަދި ރާއްޖޭގައި އޮތް އިސްލާމީ އެއްބައިވަންތަ ގޮތްތައް ނެތިކޮށް، ދީނީ ބައިބައިވުމަށް މަގުފަހިވާނެ ހަރަކާތްތަކާއި އިޖުތިމާއީ ފޭރާން ބަލިކަށިވާނެ ހަރަކާތްތައް ރޭވި ހިންގަމުންދާ ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެ އެވެ.
"މިއަދު އަޅުގަނޑުމެން އެކަންކަމާ މެދު ފިސާރި ސާބިތުކަމާ އެކު ހޭލައި ނުތިބެއްޖެނަމަ މިއަދު ލިބިފައިމިވާ ނަސްރާއި ކާމިޔާބީ ގެއްލި ހިނގައިދާނެ ކަންކަމެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައި، އެއްބައިވަންތަކަމާ އެކު މަސައްކަތްކޮށް އަޅުގަނޑުމެންގެ ގައުމުގައި ހުރި މިފަދަ ނޭދެވޭ ކަންކަމުން އަރަގައިތުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ލޮބުވެތި ދިވެހި ރައްޔިތުންނަށް ގޮވާލަމެވެ،"
ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު ނަގާލަން ފާއިތުވި މާޒީގައި އެކި ފަހަރު މަތިން އެކި ސިފަ ސިފައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހަނގުރާމައިގެ އެކި ފްލީޓްތަކުން (ޖަމާއަތްތަކުން) މަސައްކަތްކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
އެގޮތުން ޕޯޗުގީޒުންނާއި ހޮޅިންނާއި މަލަބާރުންގެ އިތުރުން ކަންނަންނޫރުގެ ލަޝްކަރުތަކުން ދިން އުދުވާނީ ހަމަލާތަކަށް ފަހު، 3 ނޮވެމްބަރުގައި ދިވެހި ހާއިނުންގެ ބަޔަކު ތަމަޅަ ބާޣީންގެ ބަޔަކާއި ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ މިއަދު ވެސް ދިވެހިންގެ ހިތްތަކުން އެ ދުވަސް ފިލައިގެން ނުދާ ކައިރި މާޒީއެއްގައި ހިނގާފައިވާ އެފަދަ ދިރިހުރި މިސާލެއް ކަމުގައި ސީޕީ ވިދާޅުވެފައިވެ އެވެ.
ސީޕީގެ ބަޔާނުގައި ޒަމާނުއްސުރެ ރާއްޖޭގައި އޮތް އަމާން ސުލްޙަވެރި މާހައުލު ކިލަނބުކޮށް، މުޖުތަމައުގައި ބިރުވެރިކަމާ ނުތަނަވަސްކަން އުފެއްދުމަށް އެކި ދިމަދިމާލުން މަސައްކަތް ކުރެވެމުންދާ ކަމަށާއި ކާބަފައިން ގެނެސްދިން އެކުވެރިކަމާ އެއްބައިވަންތަކަމާ އެއްބައެއް ވަންތަކަން މުލުން ލުހެލައި، ދެކޮޅުވެރިކަމާ ބައިބައިވުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަން ވަނީ ފާހަގަ ކުރައްވައިފަ އެވެ.