ތިރީސް ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނަރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ވެއްދުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފި އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބް ލީޑަރު ރޮޒެއިނާ އާދަމް ވިދާޅުވީ އޮޑިޓް ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ކޯޓަށް ހުށައަޅާނީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީ އިން ފާސްވެއްޖެ ނަމަ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވާނީ މާދަމާ އޮންނަ އެމްޑީޕީގެ ނެޝަނަލް އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމަށް މި މައްސަލަ ކޯޓަށް ހުށައެޅުމަށް،" ރޮޒެއިނާ ވިދާޅުވި އެވެ.

ޕީޕީއެމް އިން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އިރު އެމްޑީޕީ އިން ހިތްހަމަޖެހޭ ވަރަށް އޮޑިޓާ ޖެނެރަލް ނިޔާޒަށް މަސައްކަތް ކުރެވޭތޯ ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ އޮޑިޓާ ޖެނެރަލް ނިޔާޒުގެ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އޮޑިޓާ ޖެނެރަލް އަކީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާހާ ގޮތަކަށް ނޫނީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް މަސައްކަތް ކުރަން ތިބޭ ބައެއް ނޫން ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަޖިލިސް މެމްބަރު އަދި އެ ޕާޓިގެ ސުޕޯކް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވީ އޮޑިޓް ރިޕޯޓެއް ނުކުތުމުން އެ މައްސަލަ ރައްދުވާ ފަރާތުން މަސައްކަތް ކުރަން ޖެހޭ ގޮތަކީ ދިފާއު ހޯދުން ކަމަށާއި އެއްވެސް ހާލެއްގައި ޓައިމް ބޮމެއްގެ ސިފާގައި އޮޑިޓް ރިޕޯޓް ސިފަކުރުން ނޫން ކަމަށެވެ. އަދި އެފަދަ އިސްލާހުތަކުގެ ސަބަބުން މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލޭ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް އެމްޕީއެލް އިން ހިންގާފައިވާ 77.1 މިލިއަން ރުފިޔާގެ މުއާމަލާތާއި އެމްޓީޑީސީގެ އެއް މިލިއަން ޑޮލަރު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތްތަކަކީ "އެންމަސް އެމަށް ކާންދޭ އުސޫލުން" ރައްޔިތުންގެ ފައިސާ އިން ރިޝްވަތު ދިނުމަށް ބޭނުންކޮށްފައިވާ ފައިސާއެއް ކަމަށެވެ.